ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށް ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން ވެކްސިން ޖެހޭނެ އާބާދީގެ 57 ޕަސެންޓް މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ރޭ ބުނީ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން، އާބާދީގެ 57 ޕަސެންޓު މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އަދި ރިސޯޓް މުވައްޒަފުންގެ ތެރެއިން 57 ޕަސެންޓް މީހުންނަށް ފުރަތަމަ ޑޯޒް ދީފައިވާ ކަމަށްވެސް ބުންޏެވެ.

މިހާތަނަށް 255،881 މީހުންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ އިރު، އެންމެ ގިނަ މީހުން ޖަހާފައި ވަނީ އިންޑިއާގައި އުފައްދާ ކޮވިޝީލްޑް ވެކްސިނެވެ. ދެ ލައްކަ އަށްވުރެ ގިނަ މީހުން ވަނީ ކޮވިޝީލްޑް ވެކްސިން ޖަހާފައެވެ.

މިހާރު ފުރަތަމަ ޑޯޒްގެ ގޮތުގައި ދެމުން އަންނަނީ ޗައިނާގައި އުފައްދާ ސިނޯފާމާއި ފައިޒާ ވެކްސިނެވެ. އޭގެ ތެރެއިން ފައިޒާ ވެކްސިން ދެނީ 16 އަހަރުން މަތީ މީހުންގެ ތެރެއިން މާލެ ސަރަހައްދުގައި ހާއްސަ ހާލަތްތަކުގައިވާ މީހުންނަށެވެ.

ކޮވިޝީލްޑް ވެކްސިން ޖެހިތާ އަށް ހަފުތާއަށްވުރެ ގިނަ ދުވަސްވެފައިވާތީ، މިހާރު ވަނީ އެ ވެކްސިންގެ ދެ ވަނަ ޑޯޒް ދޭން ފަށައިފައެވެ. އެގޮތުން މިހާތަނަށް 7951 މީހަކަށް ވަނީ ދެ ވަނަ ޑޯޒް ދީފައެވެ.