ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރި ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މަޖިލިސް ތަޅުމުން ފެނިވަޑައިނުގަންނަވާތާ ދޮޅު އަހަރެއްހައި ދުވަސް ވެފައިވާ ކަމަށާއި، އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދަކީ ބޭހަކަށްވެސް ލިބޭ ވަރަށްވުރެ ތަދު ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު މިހެން ވިދާޅުވީ، މަޖިލިސް ތަޅުމުގައި މިއަދު ކުރިއަށްދިޔަ، ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލުގެ ބަހުސްގައި ޕާޓީތަކަށް އޮތް ވަގުތުގައި ބައެއް ޕާޓީތަކުން އެ ބިލުގެ ބަހުސްގައި ބައިވެރި ނުވާތީ އެކަން ފާހަގަ ކުރައްވައެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ބިލުގެ ބަހުސްގެ ވަގުތުގައި ޖާގަ އެބަ އޮތް ކަމަށާއި، ޕާޓިތަކުގެ ފަރާތުން އެ ބިލަށް ބަހުސް ކުރުމަށް ވެސް ވަގުތު އެބަ އޮތް ކަމަށެވެ.

ނަމަވެސް ޕާޓީ ތަކުން މަޖިލިސް ތަޅުމަށް ވަޑައިގެން ބަހުސްގައި ބައިވެރި ނުވާ ކަމީ ވަރަށްބޮޑު ހިތާމައެއް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އޭގެ ތެރެއިން އިދިކޮޅު ޕީޕީއެމްގެ މެންބަރުންގެ ތެރެއިން އެ ޕާޓީގެ ޕީޖީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ފެނިވަޑައިގަންނަވަނީވެސް ވަރަށް މަދުން ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.