މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު ހޮވަން އެންމެންނަށް މަޖުބޫރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ކުރަން މިއުޅެނީ ވަރަށް ބޮޑަށް ދަންނަ ކަމެއް ކަމަށެވެ.

"މިއީ އަޅުގަނޑަށް ކުރަން އެނގޭ ކަމެކޭ. އަދި އަޅުގަނޑުމެންނަށް ވުރެ ވަކި ތަޖުރިބާ ހުރި ބައެއް ވެސް މިކަމުގައި ނުވާނެ. އަޅުގަނޑުމެންނަށް ވުރެ ވިސްނުން ހުރި ބައެއް ވެސް ނުވާނެ. އަނަސް ހޮވަން އަޅުގަނޑުމެން އެންމެންނަށް މަޖުބޫރު. އަދި އެމްޑީޕީގެ ސިޓީ ކައުންސިލެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެއްވެސް ސަޕޯޓަރެއް އަދި މެންބަރެއް ވެސް މިފަހަރު އެހެން ގޮތަކަށް ވިސްނާ ނަމަ، އެ ވިސްނުން އަލުން މުރާޖައާކުރުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެމްޑީޕީން ނުކުންނަނީ ރައްޔިތުންނަށް ހެޔޮ ގޮތްތަކެއް ހޯދައިދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ގޮތެއް ހޯދައިދިނުން. އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ މާލޭ ރައްޔިތުންނަށް ފަހި ދިރިއުޅުމެއް، ރީތި ދިރިއުޅުމެއް ހޯދައިދޭން. އަޅުގަނޑަށް ޔަގީން، ކަށަވަރު އަޅުގަނޑުމެންނަށް މިފަހަރު އެކަން ކުރެވޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސްގެ އިތުރުން މާލޭގެ މޭޔަރު ކަމަށް ނުކުންނަވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އަމިއްލަ ގޮތުން ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީއެވެ.