ކޮވިޑާ ހެދި ރައްޔިތުން ދަރަނިވެރިވެ މަގުމަތިވެފައިވާއިރު ރައްޔިތުންގެ ޖީބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހަރަދުކުރުމަކީ މުޑުދާރު ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކެއްގެ ގޮތުގައި ކަނޑައެޅިދާނެ ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމަށް ރައްދު ދެއްވައި ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މެންބަރުން އަމިއްލަ ޕާޓީ އާއި އާއިލާ އާއި ގެދޮރަށް ކުރާ ދަތުރުތަކުގެ ހަރަދު ނެގުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އަދި ވެރިކަން ކުރާ ޕާޓީ ބޭނުންވާ ގޮތަކަށް ''މޮޑޭ ފުށްގަނޑަކަށް'' ގާނޫނު މާނަ ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުންގެ ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ކޮބައިކަން ކަނޑައަޅައިދިނުމާ ގުޅޭ ގޮތުން މަޖިލީހުގެ އާންމު ކޮމިޓީން ނިންމުމެއް ނިންމަވާފައިވާ ކަމަށެވެ.
މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކެއްގެ ގޮތުގައި ކަނޑައެޅިދާނެ ކަމަށާއި އެގޮތުން މެންބަރުން ދާއިރާތަކަށް ކުރައްވާ އެ ދަތުރަކާބެހޭ މައުލޫމާތާއެކު ދަތުރު ކުރެއްވުމުގެ ހުއްދައަށް އެދިވަޑައިގެން މަޖިލިސް އިދާރާގައި ލިޔުމުން އެދެންވާނެ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވި އެވެ.
އެގޮތަށް މެންބަރުން ދަތުރުތައް ކުރައްވަން ވާނީ މަޖިލީހުގެ އިދާރާއިން އެކަމަށް ހުއްދަ ދިނުމުން ކަމަށާއި މެންބަރުން ދާއިރާތަކަށް، ރަސްމީ ދަތުރު ކުރައްވާއިރު މަޖިލީހުގެ ހާޒިރީ އާއި ކޮމިޓީގެ ހާޒިރީގައި އެ މެންބަރަކު ފާހަގަކުރައްވާނީ، ރަސްމީ ދަތުރުގައިވާ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު