ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި އެރަށު ލިލީ އޮފްދަ ވެލީ، އަހުމަދު އުދައްޔުގެ ގަޔަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ތިން މީހުންގެ ބަންދަށް 30 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފި އެވެ.

އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގއ. މާމެންދޫ، ރިހިފަރުދާގެ އަހްމަދު ޝަމީމާއި ގއ. މާމެންދޫ، ބިލަތްމާގެ ޝަރަފް ރަޝީދު އަދި ގއ. މާމެންދޫ، ގުލްފާމުގެ މުހައްމަދު މާޒިންއެވެ. އެމީހުންގެ މައްޗަށް ކުރަނީ ދެ ދައުވާއެކެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހަމަ އެ ގާނޫނުގެ ދަށުން މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އެދިފައިވަނީ އެ ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށެވެ. އެހެން ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ޗުއްޓީގައި ހުންނެވުމުން އެ ސެކްޝަނާއި ހަވާލުވެ ހުންނެވި ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ އެ ފަރާތްތަކުގެ ބަންދަށް 30 ދުވަސް އިތުރުކޮށްދިނުމަށެވެ.

"ދައުލަތުން އެދިލައްވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވީ ނަމަވެސް އެންމެ ރަނގަޅަށް އެކަން ކުރެވޭނީ މައްސަލަ ބައްލަވާ ގާޒީއަށް ކަމަށްވާތީވެ ޝަރީއަތް ނިމެންދެން ބަންދުކުރާ ކުރުން އެ ފަރާތަށް ދޫކުރުމަށްފަހުގައި މި ވަގުތަށް މި ފަރާތްތައް ބަންދުކުރުމަށް މި ނިންމަނީ 30 ދުވަހުގެ މުއްދަތަށް އެ ފަރާތްތައް ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ޝަރީއަތުން ކަނޑައަޅަން،" ގާޒީ ފާއިޒް ވިދާޅުވި އެވެ.

އެ މިއްސަލަ މައުޟޫއީ ގޮތުން ބައްލަވަނީ އެހެން ގާޒީއެއް ކަން ފާހަގަކުރައްވައި ގާޒީ ފާއިޒް ވިދާޅުވީ، ހެކި ވަޒަން ކުރުމާއި އެ ކަންތައްތައް އެންމެ ރަނގަޅަށް ކުރެވޭނީ މައްސަލަ ބައްލަވާ ގާޒީއަށް ކަމަށްވުމުން މައްސަލައިގައި އިތުރަށް ގޮތް ނިންމަވާނީ އެ ފަރާތުން ކަމަށެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ އިތުރުން، ދެން ދައުވާ އުފުލާފައިވާ 18 އަހަރުން ދަށުގެ ކުޑަ ކުއްޖާގެ ޝަރީއަތް ކުރަމުން އަންނަނީ ޖުވެނައިލް ކޯޓުގަ އެވެ. އެ މައްސަލައިގައި އެކުއްޖާގެ މައްޗަށް ވެސް ކުރަނީ ދެ ދައުވާއެކެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި ހަމަ އެ ގާނޫނުގެ ދަށުން މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

ފެބްރުއަރީ 8، 2021 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީގައި އުދައްޔު މަރުވީ ހަށިގަނޑަށް ވަޅިން ދިން ހަމަލާތަކުގެ ސަބަބުންނެވެ. އަދި މާރާމާރީގައި އުދައްޔުގެ އެއްބަނޑު ބޭބެ، ފިރުޝާން ޒާހިރަށް ވެސް ވަޅިން ހަމަލާދިނެވެ.