ޅ. އަތޮޅުގެ ރަށްތަކަށް ކޮވިޑް 19 ފެތުރުމުގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް، އެ އަތޮޅު ރަށްރަށުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައިދިނުމުގެ ގޮތުން، ރައްޔިތުން ދައްކަން ޖެހޭ ލޯނުތައް މަޑުޖައްސައިދިނުމަށާއި، ކަރަންޓް ބިލިތަކަށް ލުއި ހަމަޖައްސައިދީ، ވީ އެންމެ އަވަހަކަށް އެކަންތައްތައް ހައްލު ކުުމަށް އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ކޮށްފިއެވެ.

މިއަދުގެ މަޖިލީހުގައި މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވީ، މަސްވެރިމުގެ ސިނާއަތުގައި އެންމެ އިސް ދައުރެއް އަދާކުރާ ޅ.ފެލިވަރުގައި، ކޮވިޑް ކޭސްތަކެއް ފެށި މުވައްޒަފުންގެ ތެރެއިން ގިނަ ބަޔަކު ބަލިވަމުންދިޔަކަން، ފެލިވަރުގެ މެނޭޖްމެންޓަށް އެނގުނު ނަމަވެސް އެކަން މުވައްޒަފުންނަށް ހާމަ ނުކޮށް، އެކަމާ ބެހޭ މައުލޫމާތު މެނޭޖްމަންޓުން ސިއްރު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެބަލި އަތޮޅުގެ އެހެން ރަށްރަށަށް ފެތުރި އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުން މާލެއިން އެކި ޓީމުތައް ފެލިވަރަށް ދަތުރުކޮށް އޭގެފަހުން އަތޮޅުގެ އެކި ރަށްރަށަށް ދަތުރުކޮށްފައި ވާތީ، އެ ރަށްތައް އެ ހާލަތަށް ދިއުމުގައި ސަރުކާރުގެ އިހުމާލު އޮތް ކަމަށް ރައްޔިތުން ޝަކުވާ ކުރަމުންދާ ކަމަށެވެ.

"ފެލިވަރުން ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާތަނަށް 300 އަށްވުރެ މަތީގައިވާއިރު އަތޮޅުގެ އެހެން ރަށްރަށުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރި، ފެލިވަރުގެ އިތުރުން ނައިފަރާއި ހިންނަވާރާއި ކުރެންދޫ އަދި އޮޅުވެލިފުށީ މޮނިޓަރިންގެ ހާލަތުގައި އޮތުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށްބޮޑު ހާސް ކަމާއި ބިރުވެރިކަން އުފެދިފައިވާތީ އާއި މިހާލަތުގައި ޅ. އަތޮޅު ހޮސްޕިޓަލްގައި ކޮވިޑް 19 އަށް ޓެސްޓް ކުރެވޭނެ ނިޒާމެއް ގާއިމްވެފައި ނެތުމާއި، ސާމްޕަލްގެ ނަތީޖާއަށް އެތައް ދުވަހަކު އިންތިޒާރު ކުރަންޖެހުމާއި، ނައިފަރު ފަދަ ތޮއްޖެހިފައިވާ އާބާދީއެއްގައި ގިނައަދަދެއްގެ ގެތައް މޮނިޓަރިންއަށް ލުމުން އެތައް ބައެއްގެ އާމްދަނީ ހުއްޓިފައި ވުމާއި ގިނަ އަދަދެއްގެ ބަޔަކު އައިސޮލޭޓް ވެ މުޅިރަށް އެއްކޮށް ހުއްޓުމަކަށް އަންނަން ޖެހިދާނެ ހާލަތަކަށް އަތުވެދާނެ ކަމުގެ ބިރު އޮތުމާއި، މިހާރު އެޗްޕީއޭއިން އަމަލުކުރަމުން އަންނަ ގައިޑްލައިނަކީ ނައިފަރު ކަހަލަ ތޮއް ޖެހިފައިވާ އާބާދިއަކަށް އެންމެ އެކަށޭނަ ގައިޑްލައިނެެއް ނޫން،" ކަމަށް ޝިޔާމު ވިދާޅުވިއެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރުމަށް މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްބެވި 27 މެންބަރުންގެ ތެރެއިން 14 މެންބަރުން ވޯޓު ދެއްވައިގެންނެވެ.