ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި އެރަށު ލިލީ އޮފްދަ ވެލީ، އަހުމަދު އުދައްޔުގެ ގަޔަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ތިން މީހުންގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުގައި ތަވާލުކޮށްފިއެވެ.
އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގއ. މާމެންދޫ، ރިހިފަރުދާގެ އަހްމަދު ޝަމީމާއި ގއ. މާމެންދޫ، ބިލަތްމާގެ ޝަރަފް ރަޝީދު އަދި ގއ. މާމެންދޫ، ގުލްފާމުގެ މުހައްމަދު މާޒިންއެވެ. އެމީހުންގެ މައްޗަށް ކުރަނީ ދެ ދައުވާއެކެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހަމަ އެ ގާނޫނުގެ ދަށުން މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:00 ގައެވެ. މަދަމާ އޮންނާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބާއްވަންޖެހޭ އިބްތިދާއީ އަޑުއެހުމެކެވެ.
ޕީޖީ އޮފީހުން މި މީހުންގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓަށް މައްސަލަ ފޮނުވާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.
މީގެ އިތުރުން މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވަނީ 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށެވެ. ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލައިގައި އެކުއްޖާގެ މައްޗަށް ވެސް ކުރަނީ ދެ ދައުވާއެކެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި ހަމަ އެ ގާނޫނުގެ ދަށުން މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.
ފެބްރުއަރީ 8، 2021 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީގައި އުދައްޔު މަރުވީ ހަށިގަނޑަށް ވަޅިން ދިން ހަމަލާތަކުގެ ސަބަބުންނެވެ. އަދި މާރާމާރީގައި އުދައްޔުގެ އެއްބަނޑު ބޭބެ، ފިރުޝާން ޒާހިރަށް ވެސް ވަޅިން ހަމަލާދިނެވެ.
ޚަބަރު
ޚަބަރު
ޚަބަރު