ކޮވިޑުގެ ބަލިމަޑުކަމާއެކު ދިވެހިންނަށް އެތައް ކަމެއް ދަސްވެއްޖެ އެވެ. އެކަނި ގޭގައި އޮންނަން ޖެހޭނެ ކަމާއި، މާސްކު އަޅަން ޖެހޭ ކަމާއި ގައިދުރުކަން ބަހައްޓަން ޖެހޭ ކަމާއި މިހެން ގޮސް އެތައް ކަމެއް ކުރަން ޖެހޭ ކަން ދަސްވެއްޖެ އެވެ. ހާއްސަކޮށް މާސްކް އެޅުމެވެ. މާސްކާއެކު ދިރިއުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. ކޮންމެ އަކަސް އުސޫލަކަށްފަހު އުސޫލެއް ހެދުމާއި ގަވާއިދުތަކާއި އެކި ކަންކަން ކުރަމުންގޮސް ކަރަންޓީނުވާ އުސޫލުވެސް ހެދި އެވެ.
މި އުސޫލާއެކު އެންމެ ފާހަގަވި އެއް ކަމަކީ މީގެ ކުރިން ދިވެހިންގެ ފަރާތުން ފެނުނު ރިވެތި އާދަކާދަ އާލާވެގެންދިޔުމެވެ. ކަރަންޓީނުގައި ހުންނަން ޖެހުނު ދުވަސްތަކުގައި އާއިލާގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަމާއި އަޅާލުމާއި ލޯބި ފެނިގެން ދިޔުމެވެ. އަދި މުޅި އާއިލާ އެއްކޮށް ކަރަންޓީނު ވާން ޖެހޭ ހާލަތެއް އައިސްފިނަމަ އެހާލަތުގައިވެސް އަޅައިލުމާއި ލޯބި ދޭނެ އެކުވެރިންތަކެއް ފެނިގެން ދިޔުމެވެ.
މާލޭގައި ހުރެފައި ރަށަށް ދާ ގިނަ މީހުން ބުނާ ގޮތުން އެ މީހުން ކަރަންޓީނުގައި ތިބޭ މުއްދަތުގައި އެންމެ އިރަކުވެސް ކައްކާކަށް ނުޖެ އެވެ. އެ މުއްދަތުގައި ގެއަށް ކާބޯތަކެތި ގެނެސްދެނީ އަވަށްޓެރީންނާއި، އާއިލާގެ މީހުންނާއި ރައްޓެހިން ކަމަށް އެމީހުން ބުނެ އެވެ.
"މިފަހުން އަޅުގަނޑު ގެ ބައްޕަ މަރުވެގެން ގޭގެ އެންމެން މާލެ އަންނަން ޖެހުނީ. މާލެ އައިސް ރަށަށް ގޮސް ހުރިހާ އެންމެން ކަރަންޓީނު ވެގެން ތިބީ. އެންމެ ދުވަހަކުވެސް ކައްކައިލަންވެސް ނުޖެހޭ. ހެނދުނު ސައި ގެއާ ޖެހިގެން ހުރިގޭ މީހުން. މެންދުރު ކެއުން ހަމަޖައްސަނީ އެހެން އަވައްޓެރިއެއް ނޫނީ ތިމާގެ މީހެއް. ދެން ހަވީރު ސައިވެސް އެކި ފަރާތްތަކުން ގެއަށް ވަންނަ ދޮރު މަތީގަ ހުންނަ ގޮނޑިމަތީގައި ބަހައްޓާ، ހެދިކާ އާއި ތަފާތު އެކި އެއްޗެހި ވެސް ހުންނާނެ. ރޭގަނޑަށްވެސް ހަމަ މި ގޮތަށް. އަސްލު ވަރަށް އުފާވި. މިފަދަ ހާލަތެއް ދިމާވީމަ މިއެނގެނީ އަސްލު އަޅާލާ މީހުންނާ އޯގާތެރި މީހުން." ކަރަންޓީނު ދުވަސްތައް ދިޔަ ގޮތް "ވަން" އާ ހިއްސާކުރި މީހަކު ބުންޏެވެ.
ކަރަންޓީނު ވުމަކީ ކިތަންމެ އުދަނގޫ ކަމެއް ނަމަވެސް މިފަދަ ގުޅުންތެރިކަން އޮތުމުގެ ސަބަބުން ކަރަންޓީނުގައި ތިބޭ މީހުންގެ އެކަނިވެރިކަން ފިލައިގެން ދާ ކަމަށް ބައެއް މީހުން ގަބޫލު ކުރެ އެވެ. ސިއްހީ އެހީތެރިން ބުނާ ގޮތުގައި ބަލި ޖެހިގެން ނުވަތަ އެ ނޫންވެސް ހާލަތުގައި އެކަހެރި ކުރާ މީހާ މުޖުތަމައުން ބާކީ ނުކޮށް އެންމެންގެ އެއްބާރުލުމާއި ލޯބި ދިނުން މުހިންމެވެ.
ރާއްޖޭގައި މި ފަހުގެ ތާރީހުގައި ހިނގާފައިވާ ބައެއް ބޮޑެތި ހާދިސާތަކާއި ކާރިސާތަކަށް ކުރު ގޮތަކަށް ނަޒަރު ހިންގާލާއިރު، ފެންނަން އޮތް ހަގީގަތަކީ މިއިން ކޮންމެ ކަމަކުން އަރައިގަތުމުގައިވެސް ދިވެހިން ދެއްކި ކެތްތެރިކަމާއި، ހިތްވަރެވެ. އެއްބައިވަންތަކަމާއި، އެކުވެރިކަމުގެ ލާމަސީލު ނަމޫނާ އެވެ. މިއީވެސް މިފަދަ ބޮޑު ބަލިމަޑުކަމެއްގެ ކާރިސާއެއްގެ ތެރެއިން ފެންނަމުން އަންނަ އެއްބައިވަންތަކަމާއި އަހުވަންތަކަމުގެ ލާމަސީލު މިސާލެކެވެ.
ކޮވިޑަށް ޕޮޒިޓިވް ވެ، އެކަހެރި ކުރި މީހަކު "ވަން" އާ ވާހަކަ ދައްކަމުން ބުނީ އޭނާ އަށް ބަލި ޖެހުނުކަން އެނގުނު ހިސާބުން ވަރަށް ބޮޑަށް މާޔޫސްވެ ދެރަވި ކަމަށާއި، އެންމެ ބޮޑަށް ވިސްނީ އަވަށްޓެރީންނާއި ރަށު މީހުން ދެކޭނެ ގޮތަކާ މެދު ކަމަށެވެ. އެއީ ބައެއް މީހުންގެ ފަރާތުން މަލާމާތާއި ފުރައްސާރަ ލިބިފައިވާ ކަމަށް ރައްޓެހިންގެ ފަރާތުން އެނގިފައިވުމުން ކަމަށްވެސް އޭނާ ބުންޏެވެ. އެކަމަކު ކަންތައް ވެގެން ދިޔައީ ހީކުރި ގޮތާ މުޅިން ހިލާފަށް ކަމަށްވެސް އޭނާ ބުންޏެވެ.
"މާލެއިން ރަށަށް ގޮސް ކަރަންޓީނު ނިންމާފަ ނެގި ސާމްޕަލް ޕޮޒިޓިވް ވީ. ދެން އަސްލު ހީކުރީ ކުރީ ޒަމާނު މީހުންވެސް ބުނެއެއްނު ބޮޑެތި ބަލި ޖެހޭ މީހުން އެކަހެރި ކޮށްފަ އެއްވެސް މީހަކު އެމީހަކާ ކައިރިއެއްވެސް ނުވާނޭ. ދެން ބަައެއް ރައްޓެހިން ބުނި އެ މީހުންނަށް އެނގިފަ އެބަ އޮތޭ ރަށްރަށުގެ މީހުން މި ގޮތަށް ބަލިވާ މީހުންނާ ދޭތެރޭ ވަރަށް ނެގެޓިވް ކޮށް ވިސްނައޭ. ވަރަށް މަލާމާތް ކުރެޔޭ. އެކަމަކު އަޅުގަނޑަށް ދިމާވީ އެ ބުނި ގޮތާ ހިލާފަށް. ވަރަށް ރަނގަޅު އަވަށްޓެރިންވެސް. ރައްޓެހިންވެސް، އާއިލާ މީހުންވެސް. އަސްލު ހިޔެއްވެސް ނުވޭ ބަލި ޖެހިފަކަން މިހުރީ. ދުރުގަ މަގުގެ އަނެއްފަޅީ. މި ބުނީ ގެ ހުންނަ ފަޅި ނޫން އަނެއް ފަޅީގަ ހުރެގެން ދެކިލަން ވާހަކަ ދައްކާލަން، ކޮންމެ ދުވަހަކުވެސް އަންނާނެ ހުރިހާ އެންމެންވެސް. ދެން އަސްލު ވަރަށް އުފާވެރި. ކާއެއްޗިހިވެސް ނޭނގެ ދުވަހަކުވެސް އެގޮތަކަށް ލިބުނުހެން. އެހާވެސް ގިނައިން ކާއެއްޗިއްސާ ލުއި ކަނާއާ ހުރިހާ އެއްޗެހި ވެސް ގެނެސްދޭ." ކޮވިޑަށް ޕޮޒިޓވް ވެ ކަރަންޓީނުގައި ހުރި ދުވަސްކޮޅު ދިޔަ ގޮތް ކިޔައި ދެމުން ބުންޏެވެ.
ރާއްޖޭގައި ހިނގާދިޔަ ބޮޑެތި ކާރިސާތަކަށް ބަލާއިރު 2004 ވަނަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ދިވެހިންނާއި ކުރިމަތިވި ސުނާމީ ކާރިސާ އަށްފަހުވެސް ދިވެހިންގެ ފަރާތުން ފެނިގެން ދިޔައީ އެއްބައިވަންތަކަމާއި އެކުވެރިކަމާ އަހުވަންތަކަމެވެ. ކިތަންމެ ދަތިވި ކަމުގައި ވީނަމަވެސް އަނެކާއަށް ކާއެތިކޮޅު ފޯރުކޮށްދިނެވެ. ނިދާނެ ތަން ދިނެވެ. އެއަށްފަހު ރާއްޖޭގެ އިގްތިސޯދާއި ހައިހޫނުކަމާއި އެތައް ބައެއްގެ ވަޒީފާ ގެއްލި އާއިލާތައް ނިކަމެތިވި އެންމެ ބޮޑު އެއް ކާރިސާއަކީ ކޮވިޑުގެ ބަލިމަޑު ކަމެވެ. ސިޔާސީ ފިކުރާއި ހިޔާލު ތަފާތުވުންތައް އެއްކައިރި ކޮށް ދިވެހިންގެ ފަރާތުން މިހާރުވެސް ފެނިގެންދަނީ އެކަކު އަނެކަކަށް އެހީތެރިވާ މަންޒަރެވެ. މިފަދަ ކޮންމެ ހާދިސާއެއް ނުވަތަ ކާރިސާއަކުންވެސް ދިވެހިން އެތައް އިބުރަތަކާއި އެތައް ކަމެއް ތަޖުރިބާ ކުރެ އެވެ. މިއީވެސް ބައެއް ދިވެހިންނަށް ތަޖުރިބާ ކުރެވުނު ރީތި އާދަ އެކެވެ.