މާލޭގެ މޭޔަރު ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހޮވައިގެން އަލަށް ފެންނާނެ ކަމެއް ނެތް ކަމަށާއި އެ މަގާމަށް އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު ގެނައުން މާ ރަނގަޅުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މިމަހުގެ ދިހަވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ތިން ކެންޑިޑޭޓަކު ވާދަކުރެއެވެ. އެއީ މުއިއްޒާއި އަނަސްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީއެވެ.

ސަންގު ޓީވީގެ "ވާތު ސަންގު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އިރު، މުއިއްޒަށް މާލޭ ސިޓީގެ ހުރިހާ ބާރުތަކެއް ލިބިވަޑައިގެންނެވި ކަމަށެވެ.

"މާލޭގައި އިމާރާތެއް އަނދައި ނިމޭ އިރު، ސައިކަލު ދުރުކޮށް ނުނިމޭ. މިކަހަލަ ބައިވަރު ކަންތައްތައް އެބަހުރި. މިދިޔަ ފަސް އަހަރު ދުވަސްތެރޭ މުއިއްޒު ވެސް ހުންނަވައިގެން ހިންގެވި ކަންކަން މިއީ. އަދި މާލޭ ސިޓީގެ ހުރިހާ ބާރުތަކެއް ނަންގަވައިގެން މާލޭގައި ކުރެއްވި ކަންތައްތައް މިއީ. އެކަމަކު ފެނިވަޑައެއް ނުގަންނަވާ އެކަމެއް. ދެން އަލަށް އިތުރަށް ފެންނާނެ ކަމެއް އެބައޮތްތޯ؟ އަލަށް ފެންނާނެ ކަމެއް ނެތް. އެހެންވީމާ އަޅުގަނޑަށް ހީވަނީ އަނަސް މާ ރަނގަޅުވާނެ ކަންނޭނގެ. މުޅިން އާ މީހަކު ގެނައީމަ، އެނގިދާނެތާ އެކަން ވާގޮތެއް،" އޭނާ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ މާލޭގެ މޭޔަރުކަމަށް މިފަހަރު އަނަސްއަށް ފުރިހަމައަށް ތާއީދުކުރައްވާނެ ކަމަށާއި އެއީ ކޮންމެހެން އަނަސްއަކީ އެމްޑީޕީގެ ކެންޑިޑޭޓަކަށް ވެގެން ނޫން ކަމަށެވެ.

"މުއިއްޒަކީ ވެސް އަޅުގަނޑުގެ ވަރަށް ރައްޓެހި، ވަރަށް ފަހުން ޕީޕީއެމްގެ ތެރޭގައި އުޅުނު އިރުވެސް ރައްޓެހިން. އެކަމަކު އަޅުގަނޑު މިފަހަރު 100/100 ތާއީދު ކުރާނަން އަނަސްއަށް. އެއީ އެމްޑީޕީގެ ކެންޑިޑޭޓަކަށް ވެގެންނެއް ނޫން. ތަރައްގީއަކީ މަތިން ފެންނަން ހުންނަ އެއްޗެއް ނޫން،" އޭނާ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ ގާނޫނަކުން ކިތަންމެ ބާރުތަކެއް ދިން ކަމުގައިވިޔަސް، ސަރުކާރު ހިއްސާވާ ޕާޓީއަކަށް ފިޔަވައި ކައުންސިލްތައް ލިބިއްޖެއްޔާ އޭގެން ރައްޔިތުންނަށް ވަރަށް ބޮޑު މުސީބާތްތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި ސަރުކާރު ހިންގާ ޕާޓީއަށް މެޖޯރިޓީ ދިނުމުގެ މުހިންމު ކަމާމެދު އެންމެ ފަހުގެ ކައުންސިލް އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ޕީޕީއެމްގެ ސްޓޭޖެއްގައި ވެސް ވާހަކަދައްކާފައިވާނެ ކަމަށެވެ. އަދި މިފަހަރުގެ އިންތިހާބުގައި އެމްޑީޕީން ކައުންސިލްތަކުގެ މެޖޯރިޓީ ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.