ހައްގު ނޫން ފަރާތަކަށް މާލޭގެ ގޯއްޗެއް ވިއްކާފައިވާ މައްސަލައިގައި ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ކުރީގެ ނާއިބު ނާއިފު ޝައުކަތާއި އެ މިނިސްޓްރީގެ އެގެޒެކިއުޓިވް ކޯޑިނޭޓަރު ހަސަން ވަހީދުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިރޭ ބުނީ މާލޭގެ ގޯއްޗެއް ބަހައިގެން އެ ގޭގެ މިލްކުވެރިންގެ ތެރެއިން އެއް ފަރާތަށް ލިބިފައިވާ ބިންކޮޅު ދޫކޮށްލުމާ ގުޅިގެން އެ ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހައުސިން މިނިސްޓްރީން ހުޅުވާލުމުން އެ ބިމާ އިންވެގެން އޮތް ބިން ލިބުނު ފަރާތުން އެ ބިން ގަތުމަށް ހުށަހެޅި ނަމަވެސް، ސަރުކާރުން އެ ބިން ވިއްކާފައިވަނީ އެ ބިމާ ދުރުން ބިން ލިބިފައިވާ ފަރާތަކަށް ކަމަށެވެ. އަދި އެގޮތަށް އެ ބިން ވިއްކުމަށް ނިންމާފައިވަނީ ނާއިފު އާއި ހަސަން ވަހީދު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ކޮމިޝަނުން ތަހުގީގުކޮށް ނިންމައި، އެ މައްސަލައިގައި ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ ނާއިފު އާއި ހަސަން ވަހީދުގެ މައްޗަށް ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތުން ވާޖިބު އަދާކުރުމުގައި، އެފަރާތްތަކަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކަމަށެވެ.

"ވެށިފަހި މާލެ ޕްރޮގުރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލުގެ ދަށުން، ދެވަނަ ފިޔަވަހީގެ ގޮތުގައި ވިއްކުމަށް އިއުލާނުކުރި ބިންތަކުގެ ތެރެއިން މާލޭގެ ގޯއްޗަކުން ދައުލަތަށް މިލްކުވެފައިވާ 260 އަކަފޫޓުގެ ދެ ބިމުގެ ތެރެއިން، އާތިފާ ހަސަން (މ.ގުލްސަންޕާގެ / މާލެ) އަށް ތަރިކައިން ބަހައިގެން ލިބުނު ބިމާއި އިންވެގެން އޮތް ބިން ގަތުމަށް، އާތިފާ ހަސަނާއި އެ ގޭގެ އެހެން ފަރާތަކުން ހުށަހަޅާފައިވާކަން ލިޔެކިޔުންތަކުން އެނގެން އޮންނައިރު، އޭރު އަމަލުކުރަމުން ދިޔަ، ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލާ އެއްގޮތަށް އެބިން އާތިފާ ހަސަނަށް ވިއްކުމަށް ނިންމައި އެކަން އޭނާއަށް އެންގުމަށްފަހު، ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު އިސްލާހުކުރަމުންދާތީ ކަމަށްބުނެ، އެ ބިން އާތިފާ ހަސަނަށް ވިއްކުމަށް ނިންމި ނިންމުން މަޑުޖައްސާލާފައިވަނީ، ހައުސިން މިނިސްޓްރީގެ އެއްވެސް ނިންމުމެއް ނެތި ހަމައެކަނި އެ މިނިސްޓްރީގެ އޭރުގެ އެގެޒެކިއުޓިވް ކޯޑިނޭޓަރު، ހަސަން ވަހީދު ސޮއިކޮށް ފޮނުވާފައިވާ ސިޓީއަކުން ކަން ލިޔެކިޔުންތަކުންނާއި މައްސަލައިގައި ބަޔާން ނަގާފައިވާ ފަރާތްތަކުގެ ބަހުން އެނގެ،" އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ އާތިފާއަށް ބިން ވިއްކަން ނިންމި ނިންމުން މަޑުޖައްސާލިއިރު، އެ ބިން ވިއްކަން ކުރި އިއުލާނުގައި ހުރި އެހެން ހުރިހާ ބިމެއް ވިއްކުން މަޑުޖައްސާލުމެއް ނެތި އެ ބިންތައް ވިއްކުމަށް ހަސަން ވަހީދު ސޮއިކޮށް އެކިއެކި ފަރާތްތަކަށް އަންގައި އެ ބިންތައް ވިއްކުމުގެ މުއާމަލާތްތައް ކޮށްފައިވަނީ އޭނާގެ ބެލުމުގެ ދަށުން ކަމަށެވެ.

އެހެންކަމުން އާތިފާއަށް ވިއްކަން ނިންމާފައިވާ ބިން ވިއްކުން މަޑުޖައްސާލާފައިވަނީ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު އިސްލާހުކުރަމުން ދާތީ ނޫންކަން އޭނާ އަމަލުކޮށްފައިވާ ގޮތުން އެނގޭ ކަމަށްވެސް އޭސީސީން ބުންޏެވެ.

"ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު އިސްލާހުކުރުމަށްފަހު، އެ އުސޫލުގައި ބިން ވިއްކުމަށް ހައްގުވެރި ފަރާތެއް ކަނޑައެޅުމުގެ ކުރިން، ވިއްކަން އިއުލާނުކޮށްފައިވާ ބިން ހިމެނޭ ގޯތީގެ ބެހެނިވެރިންނާއި ގޯތީގެ އެންމެހާ ވާރިސުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށްފަހު، އެންމެ ހައްގުވެރި ފަރާތެއް ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށްފައި އޮންނައިރު، އެ އުސޫލުގައި ބުނާފަދައިން އިސްވެ ދެންނެވުނު ގޯތިން ބިން ގަތުމަށް ހުށަހެޅި އާތިފާ އާއި އެ ބިން ގަތުމަށް ހުށަހަޅާފައިވާ އަނެއް ފަރާތުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައި ނުވާކަން ލިޔެކިޔުންތަކުންނާއި ބަޔާން ދީފައިވާ ފަރާތްތަކުގެ ބަހުން އެނގޭ،" އޭސީސީން ބުންޏެވެ.

އެ ދެ ފަރާތުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަކާ ނުލައި، އެ ބިން ވިއްކަން ނިންމައި، ނާއިފު ސޮއިކޮށް ސިޓީއަކުން އެކަން ބިން ވިއްކަން ނިންމި ފަރާތަށް އަންގައި އެ ބިން އެފަރާތަށް ވިއްކާފައިވާކަން މައްސަލާގައި ހޯދާފައިވާ ލިޔެކިޔުންތަކުންނާއި ބަޔާން ދީފައިވާ ފަރާތްތަކުގެ ބަހުން އެނގެން އޮންނަ ކަމަށެވެ. އަދި އެ ބިން އެފަރާތަށް ވިއްކާފައިވަނީ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލާ ހިލާފަށް ކަމަށްވެސް އޭސީސީން ބުންޏެވެ.

އެހެންކަމުން އެ ދެ ފަރާތުން އަމަލުކޮށްފައިވުމުގެ ސަބަބުން އެ އުސޫލުގެ ދަށުން އެ ބިން ލިބެން އޮތް ހައްގުވެރި ފަރާތަށް އެ ބިން ނުލިބި އެހެން ފަރާތަކަށް އެ ބިން ލިބިފައިވާ ކަމަށެވެ. އަދި ހަސަން ވަހީދާއި ނާއިފު އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެ ދެ ފަރާތުން އެގޮތަށް އަމަލުކޮށްފައިވަނީ، ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައި ކަމަށާއި އެ އަމަލުތަކުގެ ސަބަބުން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދާދީފައިވާކަން ތަހުގީގަށް ލިބިފައިހުރި ހެކިތަކުން އެނގޭ ކަމަށްވެސް އޭސީސީން ބުންޏެވެ.