އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް އުފުލާފައިވާ، ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާ، ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ގޮތެއް ނިންމަވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެ އެވެ.

އެ މައްސަލައިގައި މިއަދު އޮތީ ޝަރީއަތް ފެށުމުގެ ކުރިން ދެ ފަރާތުން ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހެޅުމެވެ.

އެގޮތުން ދިފާއުން ހުށަހެޅީ، އަބްދުއްރަހީމްއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިން ބަލައި ނުގަތުމަށެވެ. ސަބަބެއް ކަމަށް ވަކީލުން ބުނެފައިވަނީ، އެއީ ގާނޫނާއި ހިލާފަށް ހޯދާފައިވާ ހެކިތަކެއް ކަމަށެވެ. އަދި މަދަނީ މިންގަނޑުން ނުބެލޭނެ މައްސަލައެއް ގޮތުގައި ނިންމައި އެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމަށް ވެސް ވަނީ އެދިފަ އެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ، އިތުރު އަޑުއެހުމެއް މި މަހުގެ 13 ވަނަ ދުވަހު ބާއްވާނެ ކަމަށާއި އެ އަޑުއެހުމުގައި މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ނިންމާފައިވާ ގޮތް އިއުލާނު ކުރައްވާނެ ކަމަށެވެ.

ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ (ހ) ގެ ތިންވަނަ ނަމްބަރުގައި ވާ ގޮތުން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމާއި ހަޑި ހުތުރު އަމަލުތައް ކުރުމަކީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމެވެ. އަދި އެއީ ކުށެކެވެ. އެ ކުށަކީ ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށެކެވެ.

އެ ކުށަށް ކަނޑައެޅޭ އެންމެ ބޮޑު އަދަބަކީ ތިން މަހަށް ޖަލަށް ލުމެވެ. އަސާސީ މިންގަނޑުން އަދަބު ކަނޑައަޅާނަމަ އަންނާނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް މިންގަނޑުން ނަމަ ނުވަ ދުވަހުގެ ޖަލު ހުކުމެކެވެ. ކުށަށް އަދަބު ކަނޑައަޅާއިރު ކުށުގެ ބާވަތަށާއި ކުށުގެ ރެކޯޑަށް ބަލާނެއެވެ. މީގެ ކުރިން އެފަދަ ކުށެއް ކޮށް، ސާބިތުވެފައި ނުވާ ނަމަ އަދަބު ކުޑަވާނެއެވެ.

ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކޮށްފައިވާ ކަމަށް ބުނެ އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް އިއްވި ދުވަހު މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވަނީ ރައީސް ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރަށް ނިސްބަތް ކުރައްވާ ބޭއަދަބީ ބަސްތަކެއް ބޭނުންކުރައްވައި އެފަދަ މޭރުމަކުން ވާހަކަދައްކަވައިފައެވެ.

މީގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފުލުހަށް ހާޒިރުކުރި ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވެސް އަދުރޭ ވަނީ ބޭއަދަބީ ބަހެއް ބޭނުންކުރައްވައިފައެވެ.