ހިޔާ ފުލެޓުގެ މިހާރު ނެރެފައި އޮތް ލިސްޓަށް ބަދަލުތަކެއް އައުން ގާތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ފްލެޓް ކޮމިޓީން އާންމު ކުރި ދާއިމީ ލިސްޓު އަލުން މުރާޖާކުރާއިރު، އެ ލިސްޓަށް ބަދަލުތަކެއް އައުން ގާތް ކަމަށެވެ.

"ޕްލޭނިން މިނިސްޓްރީން އެބަ ބަލާ ވަކި ކަންތައްތަކެއް. އެގޮތުން ފްލެޓް ލިސްޓުގައި ހިމަނާފައިވާ މީހެއްގެ ގޯއްޗެއް އޮތްތޯ އެފަދަ ބައެއް ކަންކަން އެބަ ބަލާ. އެހެން ކަމުން ވަރަށް ގާތް ދާއިމީ ލިސްޓަށް ބަދަލުތަކެއް އައުން" މަބްރޫކް ވިދާޅުވިއެވެ.

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރެފައިވީ ނަމަވެސް، އެ ލިސްޓާ މެދު ގިނަ ބައެއްގެ ކަންބޮޑުވުން އޮތުމުން ޕްލޭނިން މިނިސްޓްރީން އަންނަނީ ފްލެޓްތަކުގެ ލިސްޓް އަލުން މުރާޖާ ކުރަމުންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 7000 ފްލެޓް މަޝްރޫއުން ފްލެޓު ލިބުނު ކަމަށް އާއްމު ކޮށްފައިވާ ފްލެޓް ލިސްޓުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީން ދިރާސާ ކޮށް މަޖިލީހުގެ ތަޅުމަށް ވަނީ ރިޕޯޓެއް ހުށަހަޅާފައެވެ. އެ ރިޕޯޓުގެ ބަހުސް މަރުހަލާގައި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ފެލްޓް ލިސްޓް އަލުން މުރާޖާކޮށް ޝަރުތު ހަމަ ނުވާ މީހުން ލިސްޓުން އުނި ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މިމަސް ނިމުމުގެ ކުރިން ހިޔާ ފްލެޓްތަކުގެ ތަޅުދަނޑި އޭގެ ހައްގުވެރިންނަށް ހަވާލު ކުރެވޭނެއެވެ. ނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް ވިދާޅުވީ، ފްލެޓްތައް އަންނަ މަހު ހަވާލު ކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.