ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފިއެވެ.

އޭގެ ތެރެއިން ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރައްވާނެ ބޭފުޅެއްގެ ނަން މަޖިލީހުން ފާސްކޮށްދެއްވައި ފޮނުއްވައިދެއްވުމަށް އެދިވަޑައިގެން ރައީސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މަޖިލީހަށް ފޮނުއްވި ނަންތަކަކީ، އެ މަގާމަށް ކުރިމަތި ލުމަށް އާއްމުކޮށް ހުޅުވައިލެއްވުމުން އިޖާބަ ދިން މީހުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރެއްވުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ:

    • އަހްމަދު ޝަފްނީޒް ބަކީޗާގެ ސ. ހުޅުދޫ
    • އަހުމަދު މައުސޫމް ވ. މިއަރެސް
    • މަރިޔަމް ޖައިދާ ކަނދުގަސްދޮށުގެ ކ. ދިއްފުށި

އެހެންކަމުން މި ބޭފުޅުންގެ ނަންތައް މަޖިލީހަށް ހުށަހެޅުއްވައި، ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރައްވާނެ ބޭފުޅަކު އަންގަވައި ދެއްވުމަށްވެސް މި ސިޓީގައި ރައީސް އެދިވަޑައިގެންފައިވެއެވެ.

މި ސިޓީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުމުން، ރައީސް ފޮނުއްވި ތިން ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފޮނުއްވަން ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ނާއިބު ރައީސް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ނިންމަވައި އެ މައްސަލަ ކޮމިޓީއަށް ފޮނުއްވިއެވެ.