ރަސްމާލެ ފަސްގަނޑު މިހާރު އިދިކޮޅު އެމްޑީޕީއަށް ފެންނަނީ ރަންގަނޑެއްގެ ގޮތުގައި ކަމަށް، ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ، އީގަލް ހިލްސް ކުންފުންނާއެކު، ރަސްމާލެ މަޝްރުއާ ގުޅޭގޮތުން ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ އެންމެހާ ތަފްސީލްތައް ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، އިދިކޮޅު އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.

ފަލާހު ވިދާޅުވީ، ކުރިން ރަސްމާލެ މަޝްރޫއު އެމްޑީޕީން ދެކެމުން އައީ ބޭކާރު އިސްރާފެއްގެ ގޮތުގައި ކަމަށެވެ. އަދި އެމްޑީޕީން ބުނަމުން އައީ އެތަނުގައި ބަޔަކު ދިރިއުޅެން ނާންނާނެ ކަމަށާއި އެތަނުގައި ބަޔަކު އިންވެސްޓް ކުރަން ނާންނާނެ ކަމަށެވެ.

ނަމަވެސް، އެމްޑީޕީން މިއަދު ކުއްލި މައްސަލަ ހުށަހެޅުމުން އެ ޕާޓީއަށް ރަސްމާލޭގެ ފަސްގަނޑުގެ އަގު ވަޒަން ކުރެވި، އެއީ ރަންގަނޑެއްގެ ގޮތުގައި ފެންނަން ފަށާފައިވާކަން ހާމަވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ އެމްޑީޕީން މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅީ ޕީއެންސީގެ ސުޕަ މެޖޯރިޓީން މައްސަލަ ބޭރުކޮށްލާނެ ކަމަށް ހީކޮށްގެން ކަމަށެވެ.

ނަމަވެސް، ޕީއެންސީން އެ މައްސަލަ ބަލައިގަތުމުން، ކަމާބެހޭ އެއްވެސް މައުލޫމާތެއް ސާފުނުކޮށް، އެ މައްސަލައަށް ވާހަކަ ދައްކަން ތައްޔާރު ނުވެތިބެ، އެމްޑީޕީ މެންބަރުން ވާހަކަ ދައްކަވަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، އީގަލް ހިލްސްއާ އެކު އަދި އޮތީ ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ކަމަށާއި، ރާއްޖޭގެ ޓޫރިޒަމް ގާނޫނުގެ ދަށުން 99 އަހަރަށް ތަންތަން ދޫކުރެވޭ އުސޫލު އެމްޑީޕީއަށް އެނގޭ އިރު، މިއީ 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއްގައި ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކަތަކެއް ކަމަށެވެ.