ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި ސަރުކާރުގެ ކަމާގުޅޭ އިދާރާ ތަކަށް އެކި ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތަކާއި މައްސަލަތަކަށް ރިއާޔަތްކުރާއިރު، ހިޔާ މަޝްރޫއުގެ 700 ފްލެޓަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ފޯމުތައް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މުރާޖާކުރިއިރު ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައިވަނީ އެންމެ ފުރިހަމައަށް ނޫންކަމަށް ފާހަގަ ކުރެވޭތީ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން އެފަދަ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ފުރިހަމައަށް ވަޒަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން މިގޮތަށް ފާސްކުރީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމާ ގުޅޭ ގޮތުން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯޓްގައި ހިމަނައިގެންނެވެ.

މި ރިޕޯޓުގައި ހިޔާ މަޝްރޫއުގެ އިތުރުން ސަރުކާރުން މިހާރު ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ކުރިއަށް އޮތް ތަނުގައި ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއުތަކާ ގުޅޭ ގިނަ ނިންމުންތެއް ވަނީ ހިމަނައިފައެވެ.

އެގޮތުން ހިޔާ މަޝްރޫއުގައި ހިމެނިފައިވާ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަކޮށްފައިވާ ކެޓެގަރީން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅިފައިވާ ފަރާތްތަކާއެކު ސަރުކާރުން މަޝްވަރާކުރުމަށްފަހު، ކުރިއަށް އޮތްތަނުގައި ސަރުކާރުން ދޫކުރުމަށް ރާވާފައިވާ އެކި ގިންތިތަކުގެ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުތަކުގެ ތެރެއިން އެފަރާތްތަކަށް ލިބޭ އާމްދަނީ އާއި ދިރިއުޅުމުގެ ހާލަތު އެންމެ އެކަށޭނަ ގިންތިއަކުން އެފަރާތްތަކަށް ފްލެޓް ނުވަތަ ހައުސިން ޔުނިޓް ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދިނުން ހިމެނެއެވެ.

.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، އެ މަޝްރޫއުގެ ދަށުން ބިނާކުރި އިމާރާތްތަކުގެ ޑިޒައިނަށް ބަދަލުގެނައުމަށް ސަރުކާރުން ނިންމައި އެކަން ތަންފީޒު ކުރުމުގެ ސަބަބުން ފްލެޓް ލިބުމުން މަހުރޫމު ވެފައިވާ 280 ފަރާތަކީ އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބުމަށް ޝަރުތު ހަމަވެ އެކަމުން މަހުރޫމު ވެފައިވާ ފަރާތްތަކެއް ނަމަ، ކުރިއަށް އޮތްތަނުގައި ސަރުކާރުން ހިންގާ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުތަކުން އެފަރާތްތަކަށް ސަރުކާރުން ފުރުސަތު ފަހިކޮށްދިނުމަށާއި، ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ފޯމުތައް އަލުން މުރާޖައާ ކުރިއިރު، ޝަރުތު ފުރިހަމަ ނުވާ ފަރާތްތަކެއް ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ހިމަނާފައިވާ ކަމަށް ހުށަހެޅިފައިވާ ޝަކުވާތައް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ރަނގަޅަށް ބަލައި، އެ ފަދަ ފަރާތެއް ވާނަމަ އެފަރާތެއްގެ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުން އުނިކުރުމަށް ވެސް ވަނީ ހިމަނައިފައެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ފޯމުތައް މުރާޖާކުރިއިރު، ޝަރުތު ފުރިހަމަވާ ފަރާތްތައް، ފްލެޓް ލިބޭ މީހުންގެ ދާއިމ ލިސްޓުގައި ހިމަނާފައި ނުވާ ކަމަށް ހުށަހެޅިފައިވާ ޝަކުވާތައް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ރަނގަޅަށް ދިރާސާކޮށް، އެފަރާތްތަކަށް ފްލެޓް ލިބުން ހައްގު ފަރާތްތަކެއްތޯ ކަށަވަރު ކުރުމަށާއި، އެކި ފަރާތްތަކުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅާފައިވާ ޝަކުވާތަކާއި މައްސަލަތަކަށް ރިއަޔަތް ކުރާއިރު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ފްލެޓަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ފޯމުތައް މުރާޖައާ ކުރިއިރު ދިރިއުޅުމުގެ ހާލަތު ވަޒަން ކޮށްފައިވަނީ އެންމެ ފުރިހަމައަށް ނޫންކަން ފާހަގަ ކުރެވޭތީ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން އެފަދަ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ފުރިހަމައަށް ވަޒަން ކުރުމަށް ވެސް ވަނީ ހިމަނައިފައެވެ.

ދިރިއުޅުމުގެ ހާލަތު އެހެން ކެޓެގަރީ ތަކުގައި ވަޒަންކުރި މިންގަނޑުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަ ކެޓެގަރީއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށް ޕޮއިންޓް ދޭނެ އުސޫލެއް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ކަނޑައަޅައި، އެ ކެޓެގަރީއަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތައް އަލުން ވަޒަން ކުރުމަށާއި ހިޔާ މަޝްރޫއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ފޯމުތައް މުރާޖާކުރުމަށްފަހު ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ހުރިހާ ޝަކުވާތައް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބަލައި އެ ފަރާތްތަކަށް އެ ކޮމިޓީން ޖަވާބުދާރީވެފައިވާ ކަމަށް އެ ކޮމިޓީން ފާހަގަކޮށްފައިވާ ނަމަވެސް، ގައުމީތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށާއި ސަރުކާރުގެ އިދާރާތަކަށް އެކި ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތަކާއި މައްސަލަތަކަށް ރިއާޔަތްކުރާއިރު، ޝަކުވާ ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކަކަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން އެންމެ ފުރިހަމައަށް ޖަވާބުދާރީ ވެފައިވާކަން ކަށަވަރު ނުވާތީ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން އެފަދަ ހުރިހާ ޝަކުވާތަކެއް ބަލައި، އެފަރާތްތަކަށް ފުރިހަމައަށް ޖަވާބު ދިނުމަށް ވެސް ހިމަނާފައި ވެއެވެ.

ފްލެޓް ލިބޭނެކަމަށް 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ކުރީކޮޅު އިއުލާނުކޮށްފައިވާ ފަރާތްތަކަށް ފްލެޓް ލިބޭނެކަމަށް އޭރު ކަނޑައަޅާފައިވާ ގޮތާ ގުޅިގެން ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި، އެކަމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެފައިވާ ފަރާތްތަކާ ގުޅޭ ކޮރަޕްޝަނާ ގުޅުން ހުރި އަދި ޖިނާއީ މައްސަލަތައް ހިމެނޭ ކަންތައްތަކެއް ހުރި ކަމަށް އެކި ފަރާތްތަކުން ތުހުމަތު ކުރަމުންދާއިރު، ސަރުކާރުން އެކަން ފާހަގަކޮށްފައިވާ ހިނދު، އެ މައްސަލަތައް ވީ އެންމެ އަވަހަކަށް ތަހުގިގީ އިދާރާތަކުން ތަހުގީގުކޮށް ދައުވާ ކުރަން ޖެހޭ ފަރާތްތަކަށް ދައުވާ ކުރުމަށާއި، އެކަމާ ގުޅިގެން އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އަވަސް ކުރުމަށާއި، އިޖުތިމާއީ ބޯހިޔާވަހިކަމަށް އަމާޒުކޮށް ކުރިއަށް އޮތްތަނުގައި ސަރުކާރުން ހިންގާ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުތައް އަމާޒު ކުރެވޭ ފަރާތްތަކަކީ ވަކި ފަންނެއްގައި ކުރިއަރާފައިވާތީ، ނުވަތަ ވަކި ވަޒީފާއެއް ނުވަތަ ވަކި މަގާމެއް އަދާކުރާތީ، ނުވަތަ ވަކި ވަރަކަށްވުރެ ބޮޑު އާމްދަނީއެއް ލިބޭތާ އިޖުތިމާއީ ގެދޮރިވެރިކަން ލިބެން ޖެހޭ ފަރާތްތަކެއް ކަމަށް ކަނޑައެޅުމުގެ ބަދަލުގައި، އެ ބާވަތުގެ ބޯހިޔާވަހިކަން ލިބިދެވެނީ އާމްދަނީ އާއި ދިރިއުޅުމުގެ ހާލަތަށް ބަލާއިރު އެކަމަށް އެންމެ ބޭނުން ޖެހިފައިވާ އަދި އެންމެ ހައްގުވެރި ފަރާތްތަކަކަށްކަން ސަރުކާރުން ކަށަވަރުކުރުމަށް ވެސް ހުށަހަޅާފައިވެއެވެެ.