ޅ. ނައިފަރުން 56 މީހަކު އަދި އެ އަތޮޅު ހިންނަވަރުން ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ޅ. އަތޮޅު އެމަޖެންސީ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޅ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު، ހެލްތު ސާވިސަސް ޖައުފަރު އަބްދުﷲ ވިދާޅުވީ ނައިފަރުން ކޮވިޑު ކޭސްތަކެއް ފެނުމާ ގުޅިގެން އެރަށުން މިހާތަނަށް ޖުމުލަ 1311 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ.
"އޭގެ ތެރެއިން 829 ސާމްޕަލެއްގެ ނަތީޖާ މިވަނީ ނެގަޓިވްވެފައި. ނަތީޖާ ނުލިބޭ 427 އެބައުޅޭ. ޕޮޒިޓިވްވެފައިވާ ޖުމުލަ އަދަދު 56 އަށް މިވަނީ އަރާފައި. އޭގެ ތެރޭގައި މަދަރުސަތުލް އިފްތިތާހުގެ ހަ ދަރިވަރެއް އަދި ދެ ޓީޗަރަކު ހިމެނޭ،" އޭނާ ވިދާޅުވިއެވެ.
ޖައުފަރު ވިދާޅުވީ ނައިފަރުން ޕޮޒިޓިވްވެފައިވާ ދެ މީހަކު ކޮވިޑް ފެސިލިޓީއަށް ބަދަލުކުރެވިފައިވާ ކަމަށާއި ޕޮޒިޓިވްވެފައިވާ މީހުން އެކަހެރިކޮށް، 61 ގެއެއްގައި މީހުން ކަރަންޓީނުކޮށްފައިވާ ކަމަށެވެ.
ޅ. ހިންނަވަރުގެ ކޮވިޑުގެ ހާލަތުގެ މައުލޫމާތުދެއްވަމުން ޖައުފަރު ވިދާޅުވީ ހިންނަވަރުން 324 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން މިހާތަނަށް ފަސް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ޅ. އޮޅުވެލިފުށިން މިހާތަނަށް ޕޮޒިޓިވްވެފައިވަނީ ދެ މީހަކު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޅ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ކޮވިޑު ކޭސްއެއް ފެނިފައި ނުވާ ހަމައެކަނި ރަށަކީ ކުރެންދޫއެވެ. ނަމަވެސް އެ ރަށުގައި ސާމްޕަލްތައް ނަގައި، ކޮވިޑަށް ޓެސްޓުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން އެ ރަށުން ނެގި 127 ސާމްޕަލްގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނު 15 ސާމްޕަލް ވެސް ނެގަޓިވްވެފައިވާ ކަމަށް އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
ނައިފަރުން ކޮވިޑް ކޭސްތަކެއް ފެނިގެން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. މިދިޔަ ހޮނިހިރު ދުވަހު ހިންނަވަރު މޮނީޓަރިންގެ ހާލަތަށް ގެނައި އިރު، އޮޅުވެލިފުށި މޮނީޓަރިންއަށް ގެނެސްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު