އުމުރުން 18 އަހަރު ފުރުމުގެ ކުރިން އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނާ ހިލާފު ވެފައިވާ ފަރާތްތަކާއި، އެކި ސަބަބުތަކާ ހުރެ ލައިސަންސް ނުނަގައި އުޅަނދު ފަހަރު ދުއްވުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކަށް، ކޮށްފައިވާ ޖޫރިމަނާ މައާފު ކުރެވޭ ގޮތަށް ގަވާއިދު ހެދުމަށް ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ގަވާއިދު ކޮމިޓީއަށް ފޮނުވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 36 މެންބަރުންގެ ތެރެއިން 32 މެންބަރުން ވޯޓު ދެއްވައިގެންނެވެ. މި މައްސަލަ ބަލައި ގަތުމުން ދިރާސާ ކުރުމަށް މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

އުމުރުން 18 އަހަރު ފުރުމުގެ ކުރިން އެއްގަމު ދަތުރުކުރުމުގެ ގާނޫނާ ހިލާފު ވެފައިވާ ފަރާތްތަކަށާއި އެކި ސަބަބުތަކާ ގުޅިގެން ލައިސަންސް ނުނަގައި އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކަށް ލުއި ހޯދައިދިނުމަށް އެދި މި މައްސަލަ ހުށަހަޅުއްވަމުން ހަސަން ލަތީފު ވިދާޅުވީ، 18 އަހަރު ފުރުމުގެ ކުރިން ސައިކަލް ދުއްވުމުގެ ސަަބަބުން އަރާފައިވާ ޖޫރިމަނާ ނުދެއްކިގެން ލައިސަންސް ނުނެގިފައި ތިބި އެތައް ޒުވާނުންނެއް އެބަތިބި ކަމަށެވެ.

އަދި 18 އަހަރު ވުމަށްފަހު، ކުރިން އަރާފައިވާ ޖޫރިމަނާ ދެއްކޭނެ ގޮތެެއް ނެތިގެން ވެސް ލައިސަންސް ނުނެގި އެތައް ޒުވާނުންނެއް އަދި ލައިސަންސް ލިބުނަސް ޓްރެފިކް ވައިލެންސްތަކާ ގުޅިގެން ކުރެވޭ ޖޫރިމަނާ ނުދެއްކިގެން ފުލުހުންގެ ބެލުމުގެ ދަށުގައި އޮވެ، ޖޫރިމަނާ އިތުރުވުމުގެ ސަބަބުން ނުދެއްކި ލައިސަންސް ނުނެގިފައިވާ އެތައް ބަޔަކު އެބަތިބި ކަމަށް ވެސް ވިދާޅުވި އެވެ.

އެފަރާތްތަކަށް ހައްލެއް ހޯދައި ނުދެވި ގިނަ ދުވަސް ވެގެން ދިއުމަކީ އެފަރާތްތަކަށް މާލީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުން އަންނަ ކަމެއްކަން ފާހަގަކުރައްވައި ހަސަން ލަތީފު ވިދާޅުވީ، 2019 އަހަރު 2366 މީހުން އަދި 2020 އަަހަރު 2658 މީހުން އެގޮތަށް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 18 ނުފުރޭ 330 ކުދިން ހިމެނޭއިރު އެއް ފަހަރަށްވުރެ ގިނަ ފަހަރު ޖޫރިމަނާ ކުރުމުގެ ސަބަބުން އެތައް ހާސް ރުފިޔާއެއް ދައްކަން ޖެހި އެ ޖޫރިމަނާ ދެއްކޭނެ ގޮތް ނެތިފައިވާ އެތައް ބަޔަކު ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންކަމުން އެފަދަ ފަރާތްތައް ކޮމިއުނީޓީ ސާވިސްގައި ބައިވެރިވާނެ ހާލަތްތަކާއި އެކަމުގައި އަމަލު ކުރެވޭ އުސޫލުތަކާއި އެގޮތުން ކުރެވޭނެ މަސައްކަތްތަކާއި އެ މަސައްކަތް ކުރެވޭނެ ތަންތަން ކަނޑައަޅައި، އެ މަސައްކަތުން ލިބޭ އުޖޫރައިން ޖޫރިމަނާ ދައްކަން ފައިސާ އުނިކުރެވޭ ގޮތްތަކާއި އުސޫލުތަކާއި ޖޫރިމަނާ މައާފު ކުރެވޭނެ އުސޫލުތައް ކަމާބެހޭ ގަވާއިދުގައި ހިމެނުމަށް ހަސަން ލަތީފު ވަނީ ހުށަހަޅުއްވައިފަ އެވެ.

ހަސަން ލަތީފު ވިދާޅުވީ، ރާއްޖޭގެ ބޮޑެތި މަހުޖަނުން އެތައް މިލިއަން ރުފިޔާ އިން ކުރާ ޖޫރިމަނާތައް މައާފު ކުރެވޭއިރު ޒުވާނުންގެ އެ ކަންބޮޑުވުމަށް ހައްލު ގެނައުން މާ މުހިންމު ކަމަށެވެ.