ރާއްޖޭގައި ލިއްބައިދޭ މަތީ ތައުލީމުގެ ފެންވަރާއި އޭގެ އިތުބާރު ހިފެހެއްޓުން ހަރުދަނާ ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަަކަކީ ކޮބައިތޯ ބެލުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ކޮމިޓީން އެގޮތަށް ނިންމީ މަތީތައުލީމުގެ ފެންވަރާ އޭގެ އިތުބާރު ހިފެހެއްޓުމަށް ކުރަން ފެންނަ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މައްސަލައަކާ ބެހޭ ގޮތުންނެވެ.

މި މައްސަލައިގައި ކުޑޫ ވިދާޅުވެފައިވަނީ، މަތީ ތައުލީމުގެ ފުރުތުތައް ފަހިވެގެން ގޮސް އޭގެ ހެޔޮ ބަދަލު މުޖުތަމައަށް ފޯރަމުން ދިއުމުގެ ސަބަބުން ޑިޕްލޮމާ ޑިގްރީ އަދި މާސްޓާސް ޑިގްރީ ފެންވަރުގެ މަތީ ތައުލީމުގެ ފުރުސަތުތައް، ހާއްސަ ގޮތެއްގައި އޮންލައިން އަދި ލެންޑެޑް ލާނިން ދާއިރާއިން ރާއްޖެ ބޮޑެތި ކުރިއެރުންތައް ހޯދަމުންދާ ކަމަށެވެ.

މި ކުރިއެރުންތަކުގެ ސަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދަރިވަރުންނަށް ތައުލީމު އުނގެނުމުގެ ފުރުސަތު އިތުރުވެފައިވީ ނަމަވެސް ތައުލީމީ ފެންވަރާއި ނަޒާހަތްތެރިކަމާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

"އެގޮތުން ފާހަގަ ކޮށްލެވޭ އެއް ދާއިރާއަކީ އޮންލައިން ކޮށް ބާއްވާ އިމްތިހާނުތަކުގެ ނަޒާހަތްތެރިކަމާބެހޭ ޝަކުވާ، ރާއްޖޭގެ އޮންލައިން މަތީ ތައުލީމު ޕްރޮގްރާމްތަކުގައި އެކަޑަމިކް ނަޒާހަތްތެރިކަން ކަށަވަރު ކުރުމުގެ ހަރުދަނާ ނިޒާމެއް ނެތުމުގެ ސަބަބުން ތައުލީމީ ފެންވަރާމެދު ހުރި ކަންބޮޑުވުންތައް،"

އެ ކަންބޮޑުވުންތަކާއި ހާއްސަކޮށް ކޮޕީ ކުރުމާއި އޭއައި ބޭނުންކުރުން ފަދަ ކަންތައްތައް ކުއްޓުވުމަށް ކުރަން ފެންނަ ކަންކަމާބެހޭ ހުށަހެޅުންތަކެއްވެސް ކުޑޫ ވަނީ ހުށަހަޅައިފައެވެ.

އެކަމާބެހޭގޮތުން ގުޅުންހުރި ފަރާތްތައް ކަމަށްވާ، އެޑިއުކޭޝަން މިނިސްޓްރީ އާއި އެމްކިއުއޭ ގެ ބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރަން ހުށަހެޅުއްވީ، ކުޅުދުއްފުށި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ދާއޫދެވެ. ތާއީދު ކުރެއްވީ، ވިލުފުށި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ވަހީދު އެވެ.