ވީއެންމެ އަވަހަކަށް އަބުރުގެ ގާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވަން އެޓާނީ ޖެނެރަލްގެ އޮފީހަށް އަންގައި، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުމުގެ ގަވާއިދަށް އަމަލު ކުރުމުގެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނު އަސާސީއަށް، 2008 ވަނަ އަހަރު އަމަލުކުރަން ފެށީއްސުރެ، ހަދަން ޖެހޭ ގާނޫނުތަކުގެ ތެރެއިން ބައެއް ގާނޫނުތައް ހެދިފައި ނުވާތީ، އެ ގާނޫނުތަކުގެ ބަދަލުގައި، އެ ގާނޫނުތަކާ ގުޅޭ ގަވައިދުތަކަކަށް ގާނޫނީ ބާރުދީގެން "އާއްމު ގަވާއިދުތަކާބެހޭ ގާނޫނު"ގެ ގޮތުގައި މިހާތަނަށްވެސް އަންނަނީ އަމަލު ކުރަމުންނެވެ.

ނަމަވެސް އޭގައި ހިމެނޭ ގަވާއިދަކާ ގުޅޭ ގާނޫނެއް މަޖިލީހުން ފާސްކޮށްފިނަމަ، އެގަވާއިދެއް އެ ގާނޫނުން އުނިކޮށް، ދެން ހުރި ގާނޫނުތައް ހިމަނައިގެން، "އާއްމު ގަވާއިދުތަކާބެހޭ ގާނޫނު"އަށް އަމަލު ކުުރުމުގެ މުއްދަތު ކުރިއަށް އޮންނަ އަހަދު ދުވަަހަށް ރައްޔިތުންގެ މަޖިލީހުން އަންނަނީ އިތުރު ކުރަމުންނެވެ.

އެގޮތަށް "އާއްމު ގަވާއިދުތަކާބެހޭ ގާނޫނު"އަށް އަމަލު ކުރަން މަޖިލީހުން ފާސްކުރި އެއް އަހަރު ދުވަހުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ. އަދި އެ ގާނޫނުގައި މިހާރު ނުހެދި ހަމައެކަނި އޮތީ، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުމުގެ ގަވާއިދާބެހޭ، އަބުުރުގެ ގާނޫނެވެ.

އެހެންކަމުން މި މަސް ނިމުމުގެ ކުރިން އެ ގާނޫނަށް އަމަލު ކުރުމުގެ މުއްދަތު އިތުރު ކުރުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހު، އަބުރުގެ ބިލު މަޖިލީހަށް ފޮނުވޭނެ ދުވަހަކާބެހޭ މައުލޫމާތު މަޖިލީހަށް ފޮނުވުމަށް ކޮމިޓީން އެޓާނީ ޖެނެރަލްގެ އޮފީހަށް އެންގިއެވެ.

ޖަވާބުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ، އެ ބިލުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތް ފުރިހަމަ ކުރުމަށްފަހު އަންނަ ޖޫން މަހުގެ ތެރޭގައި ބިލު މަޖިލީހަށް ފޮނުވަން ވިސްނަވާ ކަމަށެވެ.

އެ ޖަވާބާ ގުޅިގެން، އެބިލް ވީ އެންމެ އަވަހަަށް މަޖިލީހަށް ފޮނުވަން އެޓަނީ ޖެނެރަލް އޮފީހަށް އެންގުމާއެކު، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުމުގެ ގަވާއިދަށް އަމަލު ކުރުމުގެ މުއްދަތު އިތުރު ކުރުމަށްޓަކައި، "އާއްމު ގަވާއިދުތަކާބެހޭ ގާނޫނު"އަށް އަމަލު ކުރުމުގެ މުއްދަތު އަންނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް އިތުރުކުރަން ކޮމިޓީން ފާސްކޮށް އެކަމާމެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށް ކޮމިޓީ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވިއެވެ.

މި މައްސަލައިގައި ކޮމިޓީގެ ނިންމުމާ އެއްގޮތަށް މަޖިލީހުން ވެސް ފާސްކުރީ އެ ބިލު ވީ އެންމެ އަވަހަކަށް މަޖިލީހަށް ފޮނުވުމަށް، އެޓާނީ ޖެނެރަލްގެ އޮފީހަށް އެންގުމާއެކު "އާއްމު ގަވާއިދުތަކާބެހޭ ގާނޫނު"އަށް އަމަލު ކުުރުމުގެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އިތުރު ކުރުމަށެވެ.