ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދާން ޖެހޭ ގިނަ ގަވާއިދުތަކެއް ނަހަދައިގެން މިނިސްޓްރީގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް މި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމްއެވެ.
މި މައްސަލައިގައި މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނަކީ 2024 ވަނަ އަހަރު ހަދާފައިވާ ގާނޫނެއް ކަމަށެވެ. ނަމަވެސް އެ ގާނޫނުގެ ދަށުން ހަދާންޖެހޭ 20 ގަވާއިދުގެ ތެރެއިން މިހާތަނަށް ހަދާފައިވަނީ އެންމެ ހަތަރު ގަވާއިދުކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ބޮޑު ކަންތައްގަނޑެއް ދިމާވެގެން ތެޅިފޮޅިގަތުމުގެ ބަދަލުގައި އެކަމަށް ޒިންމާދާރުކުރުވަން ޖެހޭ ކަަމަށްވެސް ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ، އެގޮތަށް ކާބޯތަކެއްޗާބެހޭ ގޮތުން ހަދާންޖެހޭ ގަވާއިދުތައް ނަހަދާ އޮތުމަކީ ކުޑަކެއްނޫން ކަަމަށާއި، މިއީ ވަރަށްބޮޑު ކަމެއް ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި އެ ގަވާއިދުތައް ނަހަދާ މައްސަލައިގައި ކަމާބެހޭ މިނިސްޓްރީގެ ބެފުޅުން ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ، މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކެއެވެ.
އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސްއެވެ.
އެ ހުށަހެޅުމާ އެއްގޮތަށް އެފަރާތްތައް ހާޒިރުކުރަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމެޓީ