މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އިންނާ މެދު، އެ މިނިސްޓްރީއެއްގެ މިނިސްޓަރު ހިތްހަމަ ނުޖެހޭ ނަމަ، ޕީއެސް މަގާމުން ވަކިކުރެވޭ ގޮތަަށް ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާ މެމްބަރު ރޮޒައިނާ އާދަމް މަޖިލީހަށް ހުށަހެޅުއްވި މި ބިލު މަޖިލީހުން ބަލައިގަތީ މަޖިލިސް ޖަލްސާގައި ތިއްބެވި 36 މެންބަރުންގެ ތެރެއިން 34 މެންބަރުން ވޯޓު ދެއްވައިގެންނެވެ. މި ބިލު އިތުރަށް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
ސިވިލް ސާވިސްގެ ގާނޫނުގައި، ޕީއެސް ވަކި ކުރުމަށް މިހާރު ކަނޑައަޅާފައިވާ ހާލަތްތައް ކަނޑައަޅާފައިވާ މާއްދާއަށް އިސްލާހެއްގެ ގޮތުގައި އަކުރެއް އިތުރު ކުރުމަށް ރޮޒެއިނާގެ އިސްލާހުގައި ވަނީ ހުށަހަޅުއްވައިފަ އެވެ. އެގޮތުން ޕީއެސްގެ މައްޗަށް މިނިސްޓަރުގެ އިތުބާރު ނެތުމަކީ އޭނާ ވަޒީފާ އިން ވަކިކުރެވޭނެ ހާލަތެއްކަމުގައި ގާނޫނުގައި ކަނޑައަޅަން އެ އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.
އެ ބަދަލު ގެންނަން ހުށަހަޅާފައިވަނީ، އެ ގާނޫނުގެ 57 ވަނަ މާއްދާގެ (ނ) ގެ ފަސްވަނަ ނަމްބަރުގެ ފަހަތަށް (6) ވަނަ ނަންބަރުގެ ގޮތުގައި އިތުރު ކުރާ އަކުރެއްގެ ގޮތުގައެވެ.
ސިވިލް ސާވިސްގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޕީއެސް ވަކި ކުރެވޭނީ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ސިވިލް ސާވިސް ކޮމިޝަނަށެވެ. އަދި އެގޮތަށް ޕީއެސް ވަކި ކުރެވޭނެ ހާލަތްތަކެއް ވަނީ ގާނޫނުގައި ބަޔާން ކޮށްފަ އެވެ.
އެގޮތުން ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ތަމްރީނު ކޯހަކުން ފާސް ނުވުން، ނުވަތަ ކޯސް ފުރިހަމަ ނުކުރުމާއި ދިވެހި ސިވިލް ސާވިސްގެ ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވިކަން ކޮމިޝަނަށް ސާބިތުވުމާއި އެ މުވައްޒަފަކަށް ޕީއެސްގެ ވަޒީފާ ލިބިފައިވަނީ ގާނޫނާއި ސިވިލް ސާވިސްގެ ގަވައިދާ ހިލާފަށް ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ކުރި ތަހުގީގަކުން ސާބިތުވުމުގެ އިތުުރުން، ނިޔާވުމެވެ. އަދި މި ގާނޫނުގެ 51 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް މަގާމުން އިސްތިއުފާ ނުދީ ހުރެ، އިންތިހާބީ މަގާމަކަށް ކުރިމަތިލުމަކީ ވެސް ވަޒީފާ އިން ވަކި ކުރެވޭނެ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.
ސިވިލް ސާވިސް ކޮމިޝަން މިހާރު އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ވެސް ރޮޒެއިނާގެ އިސްލާހުގައި ހުށަހަޅުއްވާފައިވެ އެވެ. އެގޮތުން ކޮމިޝަންގެ މެންބަރުންނަށް މަދުވެގެން އަންހެން ދެ މެންބަރުން އައްޔަން ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅަން ވަނީ ހުށަހަޅުއްވައިފަ އެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް