ސުޕްރީމް ކޯޓް

ކުރީގެ ޕަބްލިކް ޕްރޮސިކިއުޓާ އައިމިނަތު އަރީޖް އަށް 15 ދުވަހުގެ ތެރޭގައި ވަޒީފާ ހަމަޖައްސަައިދޭން އަމުރުކޮށްފި

އިބްރާހިމް ޒަކީ

ކުރީގެރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ވަޒީފާއިން ވަކިކުރި، ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ އޮފީސް)ގެ ޕަބްލިކް ޕްރޮސިކިއުޓާ ހ.ކެތި އައިމިނަތު އަރީޖް ހުސެއިން، ޕީޖީ އޮފީހުގައި އަދާކުރަމުންދިޔަ ވަޒީފާ، ނުވަތަ އެ ވަޒީފާ އާ އެއްފެންވަރެއްގެ އެހެން ވަޒީފާއެއް މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި ހަމަޖައްސައިދިނުމަށް ޕީޖީ އޮފީހުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ އޭނާ ކޮށްފައިވާ ޓުވީތަކާ ގުޅިގެން ޖަވާބުދާރީ ވުމަށް ޕީޖީ އޮފީހުގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕް މަންޓް ކޮމިޓީ އަށް ހާޒިރު ކޮށް އެ މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން މައްސަލަ ބަލައި ނިމެންދެން އޮފީހަށް ނުކުތުމަށް ނުފެންނަ ކަމަށް އެކޮމިޓީން އޭނާއަށް އެންގުމަށްފަހު، އެ މައްސަލަ ބަލައި، އޭނާ ކުރި ޓުވީޓް ތަކަކީ ވަކި މަގުސަދެއްގައި ކޮށްފައިވާ ޓުވީޓްތަކެއް ނޫން ކަމަށާއި، އެއީ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ކޮށްފައިވާ ޓުވީީޓުތަކެއް ކަމުގައި ވާތީ އަރީޖާ މެދު ފިޔަވަޅެއް ނޭޅުމަށް 7 ޑިސެމްބަރު 2015 ގައި ކޮމިޓީން މައްސަލަ ނިންމުމުން އޭރު ހުންނެވި ޕީޖީއަށް ލިބިފައިވާ އިންޓަލިޖެންސް މައުލޫމާތެއްގެ މައްޗަށް ބިނާކޮށް އައިމިނަތު އަރީޖްއާ ދެކޮޅަށް އިތުރު މައްސަލައެއް އެ ކޮމިޓީއަށް ހުށަހަޅައި، އެ މައުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުމުގެ ގޮތުން އައިމިނަތު އަރީޖް ކޮމިޓީއަަށް ހާޒިރުކޮށް ޖަވާބެއް ހޯދަން ޖެހޭނެ ކަމަށް ޕީޖީއަށް ނުފެންނާތީ އާއި އައިމިނަތު އަރީޖް މެދުވެރިކޮށް ޕީޖީ އޮފީހުގެ ބައެއް ލިޔެކިޔުންތަކާއި ނިންމުންތައް ލީކުވެފައިވާ ކަމަށް ޕީޖީ ދިން މައުލޫމާތުގެ މިންވަރަށް ބަލައި އޭނާ ކޮށްފައިވާ އަމަލަކީ ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކި ކުރެވިދާނެ އަމަލެއް ކަމަށް ކޮމިޓީން ނިންމައި ޕަބްލިކް ޕްރޮސިކިއުޓާގެ ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައެކެވެ.

އޭނާ ވަޒީފާއިން ވަކި ކުރުމާ ގުޅިގެން އައިމިނަތު އަރީޖްގެ ފަރާތުން އެ މައްސަލަ ވަޒިފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ.

އެ މައްސަލަ ބަލައި ޓްރައިބިއުނަލުން ނިންމާފައި ވަނީ، އޭނާ ވަޒީފާއިން ވަކި ކޮށްފައި ވަނީ އެކަށީގެންވާ ހަމައެއް އޮވެ، މައުލޫއީ އަދުލުވެރިކަމާއި، އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރުމަށްފަހުގައި ކަމަށް ސާބިތުވާ މިންވަރަށް ޕީޖީ އޮފީހުގެ ފަރާތުން ހެކި ހުށަހަޅާފައި ނުވާތީ އޭނާ ވަޒީފާއިން ވަކި ކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި ވަޒިފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން ދެފަރާތުގެ ދެމެދުގައި އިތުބާރު ގެއްލިފައިވާތީ އޭނާ އަދާކުރަމުންދިޔަ ވަޒީފާއަށް އަނބުރާ އިއާދަކުރެވެން ނެތްކަމާއި، އަދުލުވެރި ބަދަލެއްގެ ގޮތުގައި 153،569 ރުފިޔާ ޕީޖީ އޮފީހުން އައިމިނަތު އަރީޖަށް ދޭން ޖެހޭ ކަމަށްވެސް ޓްރައިބިއުނަލްގެ ނިންމުމުގައި ބުނެފައިވެއެވެ.

އެ ނިންމުން ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފުކަމަށް ބުނެ ޕީޖީ އޮފިހުން އެ ނިންމުން ހައިކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ހައިކޯޓުން ހުކުމް ކޮށްފައިވަނީ ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށެވެ.

ނަމަވެސް އެ މައްސަލައިގައި ހައިކޯޓުން ހުކުމްކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ އަރީޖުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ބަލައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އައިމިނަތު އަރީޖް ޕީޖީ އޮފިހުގައި އަދާކުރަމުންދިޔަ ވަޒީފާ، ނުވަތަ އެއާ އެއްފެންވަރުގެ އެހެން ވަޒީފާއެއް މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި ހަމަޖައްސައި ދިނުމަށާއި، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ މައުލޫއީ އަދުލުވެރިކަމާއި، އިޖުރާއީ އަދުލުވެރިކަން އެއްވެސް މިންވަރަކަށް ގާއިމްކުރުމެއް ނެތި ކަމަށެވެ.

އެހެންކަމުން ބަދަލެއްގެ ގޮތުން އަސާސީ މުސާރައިގެ ގޮތުގައި އޭނާއަށް ލިބެމުންދިޔަ 11،158 ރުފިޔާގެ ނިސްބަތުން ހަ މަސްދުވަހުގެ އަސާސީ މުސާރައަށްވާ 66948 މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދިނުމަށް ޕީޖީ އޮފީހަށް އަންގައި މި މައްސަލަ ބެއްލެވި ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރާކަމަށްވެސް ހުކުމްގައިވެއެވެ. އަދި މި މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ހުކުމާއި ޓްރައިބިނަލުން ނިންމާފައިވާ ނިންމުން ބާތިލް ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.