ފްލެޓުތަކުގެ މައްސަލަތައް ބަލަން އުފެއްދި ކޮމެޓީން މަސައްކަތް ކޮށްފައިވަނީ ފުރިހަމައަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލިސް ރައީސް ވިދާޅުވީ, ރައީސް އިބްރާހިމް މުހައްމަދު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ އުފެއްދެވީ ފްލެޓުތަކުގެ ޝަކުވާ ބައްލަވައި, އިންސާފުވެރިކަމާއެކު އެކަން ކުރެއްވުމުގެ ބޭނުމުގައި ކަމަށެވެ.
އެގޮތުން މަޖިލީހުން ހޯދި ހޯދުމުން ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމެޓީން ކޮށްފައިވާ މަސައްކަތް ފުރިހަމަ ކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް މަޖިލީހުގެ ކޮމެޓީން ނެރުނު ރިޕޯޓުގައި, ފްލެޓުތަކަށް ކުރިމަތިލާފައިވާ މީހުންގެ ފޯމުތައް ފްލެޓު ކޮމިޓީން މުރާޖައާ ކުރި އިރު, ދިރިއުޅުމުގެ ހާލަތު ވަޒަން ކޮށްފައިވަނީ ފުރިހަމައަށް ނޫން ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން ދިރިއުޅުމުގެ ހާލަތު ބެލުމަށް ގޭގެއަށް ޒިޔާރަތްކޮށް, ޕޮއިންޓު ދީފައިވާ ފޯމުގައި މައުލޫމާތު ދޭ މީހާގެ ނަމާއި ކޮމެޓީގެ ފަރާތުން ޒިޔާރަތް ކުރި ފަރާތުގެ މައުލޫމާތު ހިމަނާފައިވާ ކަމަށާއި ފޯމުގައި ހިމަނާފައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތެއްކަން ކަށަވަރުކޮށް, އެފަރާތުން އެ ފޯމުގައި ސޮއިކޮށްފައިވާ ކަމަށް ފްލެޓު ކޮމިޓީން ބުނި ނަމަވެސް އެކަން އެގޮތަށް ކޮށްފައިވާކަން ކަށަވަރު ވެފައި ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ވަނީ މިހާރު ނެރެފައިވާ ދާއިމީ ލިސްޓުގައި ހިމެނެނީ ފްލެޓުތަކުގެ ހައްގުވެރިންތޯ އަލުން ކަށަވަރު ކުރުމަށާއި ދިރިއުޅުމުގެ ހާލަތު ފުރިހަމައަށް ވަޒަން ކުރުމަށް ހުށަހަޅައިފަ އެވެ.
ނަމަވެސް އެ ވާހަކަތައް ދިފާއު ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ, ރައްޔިތުން މަޖިލީހުގެ ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ޖުމުލަކޮށް ދިރިއުޅުމުގެ ހާލަތު ބެލުމުގައި ފްލެޓް ކޮމިޓީން ގޯސްކޮށް އަމަލުކޮށްފައިވާ ވާހަކަ ނޫން ކަމަށެވެ. ރިޕޯޓުގައި ބުނެފައިވަނީ ދިރިއުޅުމުގެ ހާލަތު ބެލި ގޮތާ ގުޅޭ ގޮތުން ޝަކުވާ ހުރުމުން އެކަން އަލުން ބަލައިދިނުމަށް ކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު