ރައްޔިތުންގެ މަޖިލީހުގެ ހަ މެންބަރަކު އެ މެންބަރުންގެ ދާއިރާއަށް ވަޑައިގެންފައިވަނީ، ރަސްމީ މަސައްކަތެއްގައިތޯ ބެލުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް 27 މެންބަރުން ވަޑައިގެން ތިއްބެވިއިރު، ސީދާ ސަލާމުގައި ދެ މެންބަރުން ތިއްބެވި ކަމަށެވެ.

ހަ މެންބަރަކު އެބޭފުޅުންގެ މަސައްކަތުގައި ދާއިރާގެ ރަށްރަށަށް ވަޑައިގެންފައިވާކަމަށާއި، އެ ބޭފުޅުންގެ މަސައްކަތުގެ ބާވަތަކީ ރަސްމީތޯ ނުވަތަ ނޫންތޯ ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެއީ ކޮން މެންބަރުންނެއް ކަމެއް މަޖިލިސް ރައީސް ވިދާޅެއް ނުވެއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ކެމްޕެއިނުގެ މަސައްކަތްތަކަށް ދާއިރާގެ ރަށްރަށަށް ވަޑައިގެންވުމަކީ މަޖިލީހުގެ ސިޔާސީ މަސައްކަތެއް ކަމަށެވެ.

"ކެމްޕެއިނުގެ މަސައްކަތަށް ޓަކައި ރަށްރަށަށް ވަޑައިގެން، ދާއިރާއަށް ވަޑައިގެންނެވުމަކީ އަޅުގަނޑަށް ފެންނަ ފެނުމުގައި މަޖިލީހުގެ ސިޔާސީ މަސައްކަތެއް، އަޅުގަނޑު އެ މަސައްކަތް ސީދާ ކޮބައިތޯ ދެނެގަތުމަށް އާއްމު ކޮމިޓީގައި ވާނީ ދަންވައިފަ،" ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.