ހަތްހާސް ފްލެޓްގެ ދާއިމީ ލިސްޓަށް ހޮވިފައިވާ ފަރާތްތަަކަށް ޕޮއިންޓް ދިނުމުގައި މައްސަލަތަކެއް އުޅޭ ކަމަށްބުނެ ފްލެޓް ލިސްޓު އަލުން މުރާޖައާކޮށް، ފްލެޓް ލިބޭ ފަރާތްތައް އަލުން ކަށަވަރު ކުރުމަށް، ރައްޔިތުން މަޖިލީހު ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީން ސަރުކާރަށް ލަފާ ދީފި އެވެ.

ފްލެޓް ދީފައިވަނީ ގޯހުން ކަމަށް ބުނެ ގިނަ ފަަރާތްތަކަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅު ޝަކުވާތަކަކާ ގުޅިގެން ކޮމިޓީން މައްސަލަ ބަލައި މިއަދު ނެރުނު ކޮމިޓީ ރިޕޯޓުގައި ވަނީ، ފްލެޓުތަކަށް ކުރިމަތިލާފައިވާ މީހުން ފޯމުތައް، ފްލެޓް ކޮމިޓީން މުރާޖައާ ކުރިއިރު، ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައި ވަނީ ފުރިހަމައަށް ނޫން ކަމަށެވެ.

އެހެންކަމުން މިހާރު ނެރެފައިވާ ދާއިމީ ލިސްޓުގައި ހިމެނެނީ ފްލެޓްތަކުގެ ހައްގުވެރިންތޯ އަލުން ކަށަވަރު ކުރުމަށް ވަނީ ސަރުކާރަށް ހުށަހަޅައިފައެވެ.

ކޮމެޓީ ރިޕޯޓުގައި ބުނެފައިވަނީ ފްލެޓް ކޮމިޓީން މީހުންގެ ދިރިއުޅުމުގެ ހާލަތު ވަޒަން ކޮށްފައި ވަނީ ފުރިހަމައަށް ނޫން ކަމަށެވެ. އެހެންކަމުން ފްލެޓް ކޮމިޓީން އެފަދަ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ފުރިހަމައަށް ވަޒަން ކުރުމަށް ވެސް ވަނީ ހުށަހަޅާއިފައެވެ.

ޝަރުތު ހަމަވާ ފަރާތްތަކުގެ ދިރިއުޅޭ ތަނުގެ ހާލަތު ބެލުމަށް ދެ މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް އެ ފަރާތްތަކުގެ ގޭގެއަށް ޒިޔާރާތްކޮށްފައިވާ ކަމަށާއި ޕޮއިންޓް ދީފައިވާ ފޯމުގައި މައުލޫމާތު ދޭ މީހާގެ ނަމާއި ކޮމެޓީގެ ފަރާތުން ޒިޔާރަތްކުރި ފަރާތުގެ މައުލޫމާތު ހިމަނާފައިވާ ކަމަށާއި ފޯމުގައި ހިމަނާފައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތެއްކަން ކަށަވަރުކޮށް، އެފަރާތުން އެ ފޯމުގައި ސޮއިކޮށްފައިވާކަމަށް ފްލެޓް ކޮމިޓީން ބުނި ނަމަވެސް އެކަން އެގޮތަށް ކޮށްފައިވާ ކަން ކަށަވަރުވެފައި ނެތްކަމަށް ވެސް ބުނެފައިވެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ފޯމުތައް އަލުން މުރާޖައާކުރިއިރު، ޝަރުތު ފުރިހަމަ ނުވާ ފަރާތްތަކެއް ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ހިމަނާފައިވާ ކަމަށް ހުށަހެޅިފައިވާ ޝަކުވާތައް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ރަނގަޅަށް ބަލައި އެ ފަދަ ފަރާތެއް ވާނަމަ އެފަރާތެއްގެ ނަން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުން އުނިކުރުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

ފްލެޓަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ފޯމުތައް މުރާޖައާކުރިއިރު، ޝަރުތު ފުރިހަމަވާ ފަރާތްތައް، ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ހިމަނާފައި ނުވާކަމަށް ހުށަހެޅިފައިވާ ޝަކުވާތައް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ރަނގަޅަށް ދިރާސާކޮށް، އެފަރާތްތަކަކީ ފްލެޓް ލިބުން ހައްގު ފަރާތްތަކެއްތޯ ކަށަވަރުކުރުމަށްވެސް ހުށަހަޅާފައިވެއެވެ.