ރާއްޖޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައި ދިނިމުގެ ގޮތުން މި ސަރުކާރުން ކުރިޔަށްގެންދާ ހައުސިން މަޝްރޫއުތަކުގެ ދަށުން އިތުރު 5000 ޔުނިޓާއެކު، މި އަހަރު މާލެ ސަރަހައްދުގައި 13000 ހައުސިން ޔުނިޓް ހެދުމުގެ މަޝްރޫއުއެއް ކުރިޔަށްގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ރޭ ވިދާޅުވީ މާލެ ސަރަހައްދުގައި އިތުރަށް ކުރިޔަށްގެންދާ ނިންމާފައިވާ 5000 ހައުސިން ޔުނިޓްގެ އިދާރީ މަސައްކަތް ނިންމުމުގެ ފަހުގެ މަރުހަލާ ކުރިޔަށްގެންދާ ކަމަށެވެ.
"އަމާޒަކީ އެ މަޝްރޫއު ވެސް މި އަހަރު ފެއްޓުން. މި ގޮތަށް މި މަޝްރޫއުތަކާ އެއްކޮށް މާލެ ސަރަހައްދުގައި އެކަނި 13000 ހައުސިން ޔުނިޓްގެ މަޝްރޫއު މި އަހަރު ތެރޭގައި ފެށިގެންދާނެ،" ނާޒިމް ވިދާލުވިއެވެ.
އެއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް މި ސަރުކާރު އައުމަށް ފަހުގައި އެކިއެކި ހައުސިން މަޝްރޫއުތަކަށް އެގްރީމަންޓްކޮށްފައިވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގައި ޖުމުލަ 8588 ހައުސިން މަޝްރޫއުތައް ފެއްޓިގެން ކުރިޔަށްގެންދާކަން ނާޒިމް ފާހަގަކުރެއްވިއެވެ.
"މި ސަރުކާރުން އަލަށް ފެއްޓި މަޝްރޫއުގެ އަދަދަކީ 36، އެއީ 6363 ހައުސިން ޔުނިޓް، މި ސަރުކާރު ފެއްޓުނު އިރުގައި ހިންގަން ފަށާފައި އޮތް 2250 ހައުސިން ޔުނިޓަކާއެކު ޖުމުލަ 8588 ރަށްރަށުގައި ހިނގަމުންދަނީ. ނަމްބަރުތަކަށް ބަލާލާއިރު ގަބޫލުކުރަނީ ފަސް އަހަރު ނިމިގެންދާއިރުގައި މި ހުރިހާ މަޝްރޫއުއެއްގެ ވެސް އަމަލީ މަސައްކަތް ނިމިފައި ހުންނާނީ. ނިންމުމަށްފަހުގައި ރައްޔިތުންނާ ތަންތަން ހަވާލުކުރެވޭ ވަރަށް މަސައްކަތް ކުރަމުންގެންދާނީ،" ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ވެރިފިކޭޝަން މަރުހަލާ ނިމުމުން މި އަހަރުގެ ޑިސެމްބަރު މެދުތެރޭ ދާއިމީ ފްލެޓް ލިސްޓް ނެރޭނެ ކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެެވެ.
މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި 58،505 ފޯމު ހުށަހަޅައިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35,930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22,575 ފޯމެވެ. ސަރުކާރުން މިހާރު އަންނަނީ އެ ފޯމުތައް ވެރިފައި ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މިއީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި ސަރުކާރަކުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމަކަށް އެންމެ ގިނަ އަދަދަކަށް ފޯމު ހުށަހެޅި ފަހަރެވެ. މީގެ ކުރިން އެންމެ ގިނައިން ފޯމު ހުށަހަޅާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ސްކީމަށެވެ. އެ ފަހަރު ހުށަހަޅާފައިވަނީ 40,000 އަށްވުރެ ގިނަ ފޯމެވެ.
މިދިޔަ ޖެނުއަރީ މަހުގެ 18 ގައި އިއުލާން ކުރި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އޭގެ ތެރެއިން ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓާއި، މާލޭގައި ރަށްވެހިވެފައި ނުވި ނަމަވެސް މާލޭގައި ދިރިއުޅޭ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ ކެޓަގަރީތަކަށް 2,400 ފްލެޓެވެ.
ފާތިމަތު ލިއުޝާ
މާލެ
މާލެ
މާލެ
މާލެ
ކޮމެންޓް