އަމާން ޓަވަރުތަކުގައި ހަރުކޮށްފައިވާ އޭސީ އައުޓްޑޯ ޔުނިޓްތަކުގެ ޑްރެއިން ހޮޅިތަކުން އެތަނުން ފެން ލީކުވާތީ، އެކަން ހައްލުކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަންގައިފިއެވެ.

އެފްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އަމާން ޓަވަރުތަކުގައި ހަރުކޮށްފައިވާ އޭސީ އައުޓްޑޯ ޔުނިޓްތަކުގެ ޑްރެއިން ހޮޅިތައް އެކަމަށް ހާއްސަކޮށްފައިވާ ޑްރެއިން ޕައިޕާ ނުގުޅާތީ، ޝާފްޓް ސަރަހައްދުތަކަށް ފެން އެޅި އިމާރާތާއި އެހެނިހެން ފްލެޓުތަކަށް ގެއްލުންވަމުންދާ ކަމަށެވެ.

އެފްޑީސީން ވަނީ ހުރިހާ ޔުނިޓްތަކެއްގެ އޭސީ ޑްރެއިން ހޮޅިތައް ހުރީ ރަނގަޅަށް ގުޅައި ފެން ލީކުނުވާނެހެންތޯ ޔަގީން ކުރުމަށް އިލްތިމާސްކޮށްފައެވެ.

އެފްޑީސީން ވަނީ އަންނަ މަހުގެ 12 ގެ ކުރިން އެ މައްސަލަ ހައްލުކުރުމަށް އަންގައިފައެވެ.

އަދި އެ މުއްދަތުގެ ކުރިން އެކަން އިސްލާހު ނުކުރާ ފަރާތްތަކާ މެދު ހަމަޖެހިފައިވާ އުސޫލުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.