ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ވެރިފިކޭޝަން މަރުހަލާ ނިމުމުން މި އަހަރުގެ ޑިސެމްބަރު މެދުތެރޭ ދާއިމީ ފްލެޓް ލިސްޓް ނެރޭނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ސްޓޭޓް މިނިސްޓަރު ނާޒިމް ރޭ ވިދާޅުވީ "ބޯހިޔާވަހިކަން އެންމެންނަށް" ސްކީމްގެ ހުރިހާ ކަމެއް އަންގާނީ އޮންލައިން ޕޯޓަލުން ކަމަށެވެ.
އެގޮތަށް ކަންކަން ކުރިޔަށްގެންދަން ނިންމާފައި ވަނީ ކުރިން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ދެފުއްފެންނަ ގޮތަށް މަސައްކަތްކޮށްފައި ނުވުމުން، ރައްޔިތުންގެ އިތުބާރު މި މަޝްރޫއުއަށް ހޯދުމަށް ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
"ޑިސެމްބަރު މެދުތެރެއަށް އިވެލުއޭޝަން އެއްކޮށް ނިންމާލެވޭނެ. ތާވަލު އޮތްގޮތުން ޑިސެމްބަރުގެ ކުރީކޮޅަށް އެއްކޮށް ނިންމާލެވި، ޑިސެމްބަރުގެ މެދުތެރެއަށް ދާއިމީ ލިސްޓެއް އިއުލާނުކޮށްލުން،" އޭނާ ވިދާޅުވިއެވެ.
"ބޯހިޔާވަހި ކަމަކީ ވަރަށް ހައްސާސް މައުލޫއެއް އަޅުގަނޑުމެންގެ މެދުގައި، ސަރުކާރުތަކުން މިހާތަނަށް އަމަލުކޮށްފައި ހުރި ގޮތާ ދޭތެރޭގައި ރައްޔިތުން ސުވާލު އުފައްދާ އޭގެ އިންސާފުވެރިކަމާ މެދު. އެހެންވީމަ ބޭނުންވަނީ މި ކަމަކަމީ ހާމަކަމާ އެއްކޮށް، އިންސާފުވެރިކަމާ އެއްކޮށް ހިންގިދާނެ ކަމެއްކަން ފެންނަން. މި ފުރުސަތު ހިފަނީ ރައްޔިތުން ގަބޫލުކުރާ ނިޒާމެއްގެ ތެރެއިން ހިންގަން،" އޭނާ ވިދާޅުވިއެވެ.
ދާއިމީ ލިސްޓެއްގެ ގޮތުގައި ފްލެޓް ލިބޭ ނުވަތަ ގޯތި ލިބޭ ފަރާތްތައް އިއުލާނު ކުރަމުން ގެންދާ އިރު، ފްލެޓާއި ގޯތި ލިބޭ ސަރަހައްދު ވެސް ރައްޔިތުންނަށް ހިއްސާކުރަމުން ގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އޭގެ އިތުރުން ޕޯޓަލް ޗެލް ކުރުމާ އެކު ޖަވާބުދިނުމުގައި ވެސް ޕޯޓަލް ބޭނުން ކުރުމަށް ނާޒިމް އިލްތިމާސް ކުރެއްވިއެވެ.
އެ ކަމާގުޅުން ހުރި އިތުރު މައުލޫމާތު ނުވަތަ ފޯމާ ގުޅޭ ކަމެއްގައި ފުށުއަރާނަމަ ހައުސިން މިނިސްޓްރީގެ ހޮޓްލައިން ނަމްބަރުން މައުލޫމާތު ސާފުކުރެވޭނެއެވެ. އަދި އެ މިނިސްޓްރީގެ ފްރަންޓް ޑެސްކް ހުޅުވިފައި ހުންނާނީ ކޮންމެ މަސައްކަތު ދުވަހަކު 9:00 އިންފެށިގެން ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައިވާ ގޮތުން، ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށްގެންދާ އިރު، ހުށަހަޅާފައިވާ މައުލޫމާތާއި ސަރުކާރުގެ އިދާރާތަކުންނާއި ކައުންސިލްތަކުން ލިބިފައިވާ މައުލޫމާތުގައި ފުށުއެރުމެއްވާނަމަ އެކަން "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އަންގާނެއެވެ. އަދި ޕޯޓަލްގައި އެޕްލިކޭޝަނާ ގުޅިގެން އަންނަ ބަދަލުތަކުގެ މައުލޫމާތު، އެޕްލިކަންޓް ފޯމު ފުރިހަމަކުރި އިރު، ހިއްސާކޮށްފައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށް ފޮނުވޭނެއެވެ.
ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ދީފައިވާ ނޯޓިސްގައިވާ މައުލޫމާތު ސައްހަ ނޫންކަމަށްވާ ނަމަ، އެކަމުގެ ތަފްސީލާ ކަމާގުޅޭ ލިޔެކިޔުންތައް ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބެއް ހުށަނާޅައިފި ނަމަ، އެ އެޕްލިކޭޝަނަކީ ޝަރުތު ހަމަނުވާ ނުވަތަ ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި 58،505 ފޯމު ވަނީ ހުށަހަޅައިފައެވެ. މީގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35,930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22,575 ފޯމެވެ. ސަރުކާރުން މިހާރު އަންނަނީ އެ ފޯމުތައް ވެރިފައި ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މިއީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި ސަރުކާރަކުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމަކަށް އެންމެ ގިނަ އަދަދަކަށް ފޯމު ހުށަހެޅި ފަހަރެވެ. މީގެ ކުރިން އެންމެ ގިނައިން ފޯމު ހުށަހަޅާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ސްކީމަށެވެ. އެ ފަހަރު ހުށަހަޅާފައިވަނީ 40,000 އަށްވުރެ ގިނަ ފޯމެވެ.
މިދިޔަ ޖެނުއަރީ މަހުގެ 18 ގައި އިއުލާން ކުރި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އޭގެ ތެރެއިން ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓާއި، މާލޭގައި ރަށްވެހިވެފައި ނުވި ނަމަވެސް މާލޭގައި ދިރިއުޅޭ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ ކެޓަގަރީތަކަށް 2,400 ފްލެޓެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މިހާރު ހިއްކަމުންދާ ރަސްމާލެއިން ޖުމްލަ 25,000 ގޯތި ދޫކުރުމަށް ވަނީ އަމާޒު ހިފައިފައެވެ. ނަމަވެސް މިހާރު ހުޅުވާލާފައިވާ މި ފުރަތަމަ ބުރުގައި އެ ސަރަހައްދުން ދޫކުރާނީ 15,000 ގޯއްޗެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
ކޮމެންޓް