ހުޅުމާލޭގެ ފްލެޓްތައް ކައިރީ ބަހައްޓާފައި ހުރި ގަސް ކޮށިތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީން މިއަދު ވަނީ ހުޅުމާލެ ފޭސް އެެކެއްގެ ފްލެޓްތައް ކައިރީ ހުރި ގަސް ކޮށިތައް ނަގަން އަންގައި ފްލެޓްތައް ކައިރީގައި ނޯޓިސް ހަރުކޮށްފައެވެ.

އެ ނޯޓިސްގައި ބުނެފައިވަނީ އަންނަ ހުކުރު ދުވަހުގެ 23:59 ގެ ކުރިން ނޯޓިސް ހަރުކޮށްފައިވާ ސަރަހައްދުގައިވާ ގަސްކޮށިތައް ނަގައި އެ ސަރަހައްދުތައް ހުސްކުރުމަށެވެ.

19 އޮގަސްޓް 2026: ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތައް ކައިރީ ޖަހާފައިހުރި ގަސް ކޮށިތައް ނަގަން އެޗްޑީސީން އަންގައި ނޯޓިސް ހަރުކޮށްފައި --- ވަންފޮޓޯ

އެ މުއްދަތުގެ ތެރޭގައި އެ ތަކެތި ނަގާފައިނުވާ ނަމަ، އެ ތަކެއްޗަކީ ވެރިފަރާތުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައި، ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ ތަކެތި ނަގައި، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރިޔަށްގެންދާނެ ކަމަށް ބުނެފައެވެ. އަދި އެ މަސައްކަތުގެ ތެރޭގައި މުދަލަށް ނުވަތަ ތަކެއްޗަށް ލިބިދާނެ ގެއްލުމަކަށް އެ ކޯޕްރޭޝަނުން ޒިންމާ ނުވާނެ ކަމަށް ވެސް ބުންޏެވެ.

އެޗްޑީސީ މީޑިއާއިން މިއަދު "ވަން" އަށް ބުނީ ގަސްކޮށިތައް ނެގި ނަމަވެސް ބައެއް ގަސްތައް ބެހެއްޓުމުގެ ހުއްދަދޭނެ ކަމަށެވެ. އަދި އެ ތަންތަން ސާފުކުރުމަށް ފަހު އަލުން ވަކި ވައްތަރެއްގެ ގަސްތައް އިންދުމަށް ހުއްދަދޭނެ ކަމަށެވެ.

19 އޮގަސްޓް 2026: ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތައް ކައިރީ ޖަހާފައިހުރި ގަސް ކޮށިތައް ނަގަން އެޗްޑީސީން އަންގައި ނޯޓިސް ހަރުކޮށްފައި --- ވަންފޮޓޯ

ނަމަވެސް މޫތައް ބޮޑު ސަރަހައްދަކަށް ފެތުރޭ އަދި އެ ގަސްތަކުގެ ސަބަބުން ފްލެޓް އިމާރާތަށް ގެއްލުން ލިބޭ ބަނބުކެޔޮ ގަސް ފަދަ ބޮޑެތި ގަސްތައް ފްލެޓްތައް ކައިރީ އިންދަން ހުއްދަ ނުދޭނެ ކަމަށް ވެސް ބުންޏެވެ.