ކުޑަހުވަދޫގައި އޮންނަ ދާލު އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށް މޮނިޓަރިން އަށް ލާފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ މީހުންނާ ކޮންޓެކްޓްވި މީހުން ހޯދައި އެ މީހުންގެ ސާމްޕަލް ތައް ނެގި އެވެ. އޭގެތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.
ދާލު އެއާޕޯޓު ކްލަސްޓާއާ ގުޅިގެން އެ އަތޮޅުގެ ހުރިހައި ރަށަކުން ވަނީ ކޮންޓެކްޓް ވި މީހުން ހޯދައި ކަރަންޓީނު ކޮށްފަ އެވެ. މި ކްލަސްޓާއާ ގުޅުން ހުރި މީހަކު މިހައިތަނަށް ޕޮޒިޓިވް ވެފައިވަނީ ހަމަ އެކަނި އެ އަތޮޅު މީދޫންނެވެ.
ކުޑަހުވަދޫ ކައުންސިލް ރައީސް އަހުމަދު ޝާމް "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މިހާތަނަށް އެރަށުން 1400 އެއްހައި މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި އިއްޔެ ވަކި ތަރުތީބެއް ނެތި ނެގި ސާމްޕަލްތަކުގެ ތެރެއިން ދެ ސާމްޕަލެއް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ޝާމް ވިދާޅުވީ ރެންޑަމްކޮށް ދެ މީހަކު ޕޮޒިޓިވް ވެފައި ވީ ނަމަވެސް މިއީވެސް ހަމަ އެއާޕޯޓު މުވައްޒަފުންގެ ކޮންޓެކްޓްސް ކަމުގައި ބެލެވޭ ކަމަށެވެ. އަދި މިހާރު އެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކުޑަހުވަދޫ މޮނިޓަރިން އަށް ލީ ފަހުން އެރަށުގައި ރައްކާތެރިކަމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ޝާމް ވިދާޅުވި އެވެ. އެގޮތުން ގެއިން ބޭރަށް ނިކުތުން މަނާކޮށް، ކެފޭ/ ރެސްޓޯރަންޓު އަދި ފިހާރަތައް ބަންދުކޮށް ހަމައެކަނި ޑެލިވަރީ އަށް ހުއްދަ ދީފައިވާ ކަމަށް ވިދާޅުވި އެވެ. އޮފީސަތަކަށް ދާ މީހުން އެ މީހުންނަށް ދީފައިވާ ހާއްސަ ކާޑު ހިފައިގެން ނޫން ގޮތަކަށް ބޭރަށް ނުނިކުމެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަމަ އެންމެންގެ ރައްކާތެރިކަމަށް ޓަކައި ފިޔަވަޅުތައް ވަރުގަދަކޮށް ހަރުދަނާ ކުރަނީ. އަޅުގަނޑުވެސް ގަބޫލު ކުރަން އެހެން ކަންތައް ކުރުމުން ވަރަށް ބޮޑަށް ދަތިވާނެކަން. އެކަމަކުވެސް މި ބަލި މުޅި ރަށަށް ފެތުރުން ކޮންޓްރޯލް ކުރަން އެބަ ޖެހޭ. އަޅުގަނޑުމެން ކައުންސިލާއި ރަށުގެ ޖަމިއްޔާ ޖަމާއަތްތަކާ ސިއްހީ ހިދުމަތްތެރިންނާ ގުޅިގެން މިދަނީ ރައްޔިތުންނަށް ބައްޔާ ބެހޭ އަދި ބަލިން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަމުގެ މައުލޫމާތު ހިއްސާ ކުރަމުން. ޒަރޫރީ އެއްވެސް ބޭނުމެއްނެތި ބޭރަށް ނިކުތުން އަޅުގަނޑުމެންވާނީ މިހާރު މުޅިން މަނާކޮށްފަ." އޭނާ ވިދާޅުވި އެވެ.
އާބާދީގައި ތިން ހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ ކުޑަހުވަދޫގެ އާންމު ހާލަތު ރަނގަޅު ކަމަށާއި މިވަގުތަށް ރަށަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ބޯފެނާއި އެހެނިހެން ތަކެތި ވެސް އެބަހުރި ކަމަށް ޝާމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިވަގުތު ކުޑަހުވަދޫ އަށް އަރައި ފޭބުން މަނާކޮށްފައިވީނަމަވެސް މަސްވެރިންނަށް ހާއްސަ ހުއްދައިގެ ދަށުން އައިސް އެޅުމަށް އައިސްޕްލާންޓަށް ދެވޭނެ ކަމަށެވެ. އަދި އިމަޖެންސީ ހާލަތެއްގައި ޑޮކްޓަރު ލިޔުން ދީފި ނަމަ އެފަދަ މީހުންނަށްވެސް ރަށަށް އެރުމުގެ ހުއްދަ ދެއްވާނެ ކަމަށެވެ.
ކުޑަހުވަދޫ ން މިހާތަނަށް 25 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.
ރާއްޖޭގައި ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު 23000 އަށްވުރެ މައްޗަށް ގޮސްފައިވާއިރު މާލެ އާއި އަތޮޅުތަކުގެ ގިނަ ރަށްތަކަށް މި ބަލި ދަނީ ފެތުރެމުންނެވެ.
ދ. ކުޑަހުވަދޫ
ދ. ކުޑަހުވަދޫ
ދ. ކުޑަހުވަދޫ
ދ. ކުޑަހުވަދޫ