ދ. ކުޑަހުވަދޫގައި ތެލުގެ އަގު ވަރަށް ބޮޑުވެ، ޑީސަލް ލީޓަރެއް 40 ރުފިޔާއަށް އަދި ޕެޓްރޯލް ލީޓަރެއް 36 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ.
ކުޑަހުވަދޫން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނީ އެ ރަށުން މިހާރު ޕެޓްރޯލް ލީޓަރެއް ގަންނަން ލިބެނީ 36.50 ރުފިޔާއަށް ކަމަށެވެ. އަދި ޑީސަލް ލީޓަރެއް ގަންނަން ލިބެނީ 40.90 ރުފިޔާއަށް ކަމަށެވެ.
މީގެކުރިން އެ ރަށުން ޕެޓްރޯލް ލީޓަރެއް ގަންނަން ލިބެނީ 18.49 ރުފިޔާއަށް ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކުޑަހުވަދޫގައި ތެލުގެ އަގުތައް ހުރީ އެހެން ރަށްރަށާ އަޅައިބަލާއިރު ރެކޯޑު މިންވަރަކަށް މަތީގައެވެ.
ކުޑަހުވަދޫގައި ތެލުގެ ވިޔަފާރި ކުރަމުންދަނީ އަމިއްލަ ކުންފުންޏަކުންނެވެ.
ބައެއް ރަށްރަށުގައި އަމިއްލަ ވިޔަފާރިތަކުން ތެލުގެ އަގުތައް ބޮޑުކޮށްފައިވަނީ، ސަރުކާރުގެ ތެޔޮ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގު ބޮޑުވާނެކަމަށް އިއްޔެ އެންގުމާއެކުއެވެ.
އެފްއެސްއެމް އިން އެ ބަދަލު ގެންނަން ނިންމާފައިވީ ނަމަވެސް، އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު "ވަން" އަށް ރޭ ވިދާޅުވީ ޕަބްލިކް ފެރީ އަދި އާންމު ދަތުރުފަތުރުގެ ނިޒާމު ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއެކޭ އެއް ރޭޓެއްގައި ތެޔޮ ލިބޭނޭ އިންތިޒާމު އެސްޓީއޯއިން ހަަަމަޖައްސައިދިނުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
މަސްވެރިންނަށް ފަހި ހަކަތަަަ ޕްރޮގްރާމްގެ ތެރެއިން ކުރިއެކޭ އެއްގޮތަށް ސަބްސިޑައިޒްޑް ރޭޓެއްގައި ތެޔޮ ލިބެން ހުންނާނެ ކަމަށާއި އަދި މާލެ ސަރަހައްދުގެ ޝެޑްތަކުން ތެޔޮ ވިއްކާ އަގުތަކަކަށް ބަދަލެއް އައިސްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ ރަށްރަށުގައި އެސްޓީއޯއިން ގަނެގެން ޝެޑް ހިންގާ ފަރާތްތަކަށް ކުރިީގެ ރޭޓްގައި ތެޔޮ ލިބޭނޭ އިންތިޒާމުތައް ހަމަޖަައްސައިދޭނެ ކަމަށާއި އެ ބަދަލުތައް ގެންނަނީ އާންމުންނަށް މާލީގޮތުން ބުރަޔަކަށް ނުވާގޮތަށް ޕެޓްރޯލް އަދި ޑީސަލް ލިބޭނޭ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ކަމަށް ޝާހު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ދ. ކުޑަހުވަދޫ
ދ. ކުޑަހުވަދޫ
ދ. ކުޑަހުވަދޫ
ދ. ކުޑަހުވަދޫ