ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލައިގައި ކޮރަޕްޝަންގެ އަމަލެއް ނުވަތަ އެއްވެސް ފަރާތަކަށް ނާޖާއިޒް ފައިދާއެއް ލިބޭގޮތަށް އަމަލުކޮށްފައިވޭތޯ ބެލުމަށް ސަރުކާރުން އިސްވެ އެ މައްސަލަ ތަހުގީގު ކުރަން ކަމާބެހޭ އިދާރާތަކަށް އަންގާފައިވާނެ ކަމަށާއި އަދި މައްސަލައިގެ ތަހުގީގަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދިން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ގުޅިގެން ތަހުގީގު ކުރުމަށްފަހު، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ އިސް 11 ބޭފުޅުންނަށް ދައުވާ ކުރަން އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވިއެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާ ކުރާނެ ހެއްކެއް، ގަރީނާއެއް ނެތް ކަމަށް ވިދާޅުވެ ޕީޖީ ހުސައިން ޝަމީމް ވަނީ އެ ރިޕޯޓު އަނބުރާ ފޮނުވާލައިފައެވެ.

ފަހުން ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން ރިވިއު ކޮށްދިނުމަށް އޭސީސީން ވަނީ ޕީޖީ އޮފީހުގައި އެދިފައެވެ. މައްސަލަ އަލުން ރިވިއު ކުރުމަށްފަހު ޕީޖީން ނިންމީ އެ ނިންމުން ބަދަލު ނުކުރުމަށެވެ. އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވައެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ކޮވިޑަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް ހޯދުމަށް ބޭނުންވާ ކަމަށް ސިއްހީ މާހިރުން ލަފާދިން ވެންޓިލޭޓަތައް އަވަހަށް ހޯދުމަށް ހެލްތު މިނިސްޓްރީން ހިންގި މުއާމަލާތްތަކާ ގުޅޭގޮތުން "ކޮވިޑް-19 އާ ގުޅޭ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް- މިނިސްޓްރީ އޮފް ހެލްތު" ގެ ނަމުގައި އޮޑިޓާ ޖެނެރަލް ނެރުއްވި ރިޕޯޓުގައި ބައެއް ކަންކަން ފާހަގަ ކުރައްވާފައިވާ ކަމަށެވެ.

"އެ މުއާމަލާތްތަކުގައި ކޮރަޕްޝަންގެ އަމަލެއް ނުވަތަ އެއްވެސް ފަރާތަކަށް ނާޖާއިޒް ފައިދާއެއް ލިބޭގޮތަށް އަމަލުކޮށްފައިވޭތޯ ބެލުމަށް ސަރުކާރުން އިސްވެ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި އަދި މޯލްޑިވްސް ޕޮލިސް ސާވިސްއަށް އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް އަންގާފައި،" ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ މި މައްސަލައާ ގުޅިގެން، ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވޭތޯ ބަލާފައިވަނީ ގާނޫނު އަސާސީން އެކަން މަތިކޮށްފައިވާ މުސްތަގިއްލު ކޮމިޝަން އޭސީސީން ކަމަށެވެ.

"އެ މުއައްސަސާއިން ކުރި ތަހުގީގަށް ބޭނުންވި އެންމެހައި މައުލޫމާތުތަކާއި، ފުރިހަމަ އެއްބާރުލުން އެ ކޮމިޝަނަށް ސަރުކާރުން ވާނީ ދީފައެވެ. އަދި އެ ތަހުގީގު ހިނގަމުން ދިޔައިރު، ވީހާވެސް އިންސާފުވެރިކަމާ އެކު މައްސަލަ ތަހުގީގު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން އެ މައްސަލައިގައި ތުހުމަތު ކުރެވުނު ސަރުކާރުގެ އެންމެހައި މުވައްޒަފުން، ތަހުގީގު ނިމެންދެން މަސައްކަތުން އެކަހެރި ކުރެވުނު،" ރައީސް އޮފީހުން ބުންޏެވެ.

ދައުލަތުން އުފުލާ ދައުވާތަކުގެ ކަންކަމުގައި ޕީޖީ އާއި އެޓާނީ ޖެނެރަލް (އޭޖީ)އަށް މުސްތަގިއްލުކަން ގާނޫނު އަސާސީން ދީފައިވަނީ އެއްވެސް ފަރާތެއްގެ ސިޔާސީ ނުފޫޒެއް އަދި ޒާތީ ތައައްސުބެއް ނެތި މިނިވަންކަމާއި އަދުލުވެރިކަމާއެކު ދައުވާ ކުރަން ފުރުސަތު ދިނުމަށް ކަމަށާއި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އެ އުސޫލުތައް ނަގަހައްޓައި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލާޒިމުކުރާ ކަމެއް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް ނަގަހައްޓައި އެ ހައްގުތައް ކަށަވަރު ކުރުމުގައި ކަމާބެހޭ މުއައްސަސާތަކުން ކުރާ އެންމެހައި މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.