މި މަހުގެ 10 ވަނަ ދުވަހުގެ ފަހުން ޅ. ނައިފަރުން ފުރި މީހުން ކަރަންޓީނު ވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.
މިމަހުގެ ތެރޭގައި ރ. އުނގޫފާރަށް ދިޔަ ޅ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ އުނގޫފާރަށް ދިޔަ މީހުންގެ ތެރެއިން ނެރި ރެންޑަމް ސާމްޕަލްއަކުން މިދިޔަ އަންގާރަ ދުވަހު އެވެ. އެ ކޭސްއާ ގުޅިގެން އެރަށް މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ، ނައިފަރުން ފެނުނު ޕޮޒިޓިވް ކޭސްއާ ގުޅިގެން މިމަހުގެ 10 ވަނަ ދުވަހުގެ ފަހުން އެެރަށުގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތު ސެންޓަރަށް އެންގުން އެދޭ ކަމަށެވެ.
އަދި އެ ތާރީހުގެ ފަހުން ނައިފަރަށް ގޮސްފައިވާ ފަރާތެއްވާނަމަ، ނައިފަރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށާއި އަދި އެ މުއްދަތުން ފެށިގެން 10 ދުވަސް ހަމަވެފައިވާ މީހުން ވެސް ސާމްޕަލްއެއް ނަގައި ޓެސްޓުކުރަން ވަނީ އަންގައިފަ އެވެ.
އެޗްޕީއޭ އިން ބުނީ، 10 މާރިޗްގެ ފަހުން ނައިފަރުން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފުލޫ ކުލިނިކު، ހުޅުމާލޭ ފުލޫ ކުލިނިކު އަދި ވިލިމާލޭ ފުލޫ ކުލިނިކަށް ގޮސް ސާމްޕަލް ނެގުމަށް އެދޭ ކަމަށެވެ.
އަދި ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް އުނގޫފާރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށާއި އަދި މި މުއްދަތުން ފެށިގެން 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުން ވެސް ސާމްޕަލްއެއް ނަގައި ޓެސްޓު ކުރަންވާނެ ކަމަށް ބުނެފައިވެ އެވެ
ޚަބަރު
ޚަބަރު
ޚަބަރު