ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއު އިން ފުލުހުންނާއި ސިފައިންގެ ކެޓަގަރީ އުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެ ދައްކާ ވާހަކަތައް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދޮގު ކުރައްވައިފި އެވެ.
ހިޔާ ފުލެޓްތަކުގެ މައްސަލައިގައި އުފެއްދި އާންމުންގެ އެކުވެރި ގުޅުމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ހިޔާ ފުލެޓުން ފުލުހުންނަށް ކަނޑައެޅި 300 ފުލެޓާއި ސިފައިންނަށް ހާއްސަކުރި 300 ފުލެޓު ނުދޭން ނިންމައި، އެ ކެޓަގަރީ އުވާލަން ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި އެފަދަ މަޝްވަރާއެއް ކުރިއަށްދޭތޯ އަދި އެގޮތަށް އެކަން ކޮށްފާނެތޯ ފުލުހުންނާއި ސިފައިންނަށް ސާފުކޮށްދިނުމަށް ގޮވާލި އެވެ.
އެކަން ދޮގު ކުރައްވައި މިނިސްޓަރު މާރިޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, ސިފައިންނަށް ލިބޭ 300 ފުލެޓުގެ ފޯމުތައް އެމްއެންޑީއެފުން ދިރާސާކޮށް އިންޓަވިއު ކޮށްފައިވާކަން ސިފައިންނަށް އެނގޭނެ ކަމަށެވެ.
ހިޔާ މަޝްރޫއުގެ ފުލެޓުތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ވަނީ އާންމުކޮށްފަ އެވެ. އެ ފުލެޓުތައް މިމަހުގެ ފަހުކޮޅު ހަވާލުކުރާނެ ކަމަށް ސަރުކާރުން ކުރިން އޮތީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު