ޅ. ފެލިވަރުގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ "ވަން" އަށް ބުނީ ފެލިވަރުން ޕޮޒިޓިވް ކޭސްއެއް ފެނުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެރަށް މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ފެލިވަރުގެ ރީޖަނަލް މެނޭޖަރު މުހައްމަދު އިބްރާހިމް މިރޭ "ވަން" އަށް ވިދާޅުވީ ފެލިވަރުގައި މަސައްކަތް ކުރާ މުވައްޒަފަކު މިއަދު ޕޮޒިޓިވްވެފައިވާ ކަމަށާއި ޕޮޒިޓިވްވެފައިވަނީ އެ އަތޮޅު ނައިފަރަށް ނިސްބަތްވާ މުވައްޒަފެއް ކަމަށެވެ.

އޭނާ ވިދާޅުވީ ޕޮޒިޓިވްވި މީހާ އެންމެ ފަހުން މަސައްކަތަށް ނުކުމެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އޭގެ ފަހުން އޭނާ ބަލިވެގެން މަސައްކަތަށް ނުކުމެފައިނުވާ ކަމަށެވެ. އަދި އޭނާ މިވަގުތު ހުރީ ނައިފަރުގައި ކަމަށްވެސް ވިދާޅުވިއެވެ.

މުހައްމަދު އިބްރާހިމް ވިދާޅުވީ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެމީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓް ކުރެވޭނެ ކަމަށެވެ.

މިއީ ނައިފަރުން ޕޮޒިޓިވްވި ދެވަނަ މީހާއެވެ. އިއްޔެ ވަނީ ރ. އުނގޫފާރަށް މީގެ ކުރިން ދިޔަ މީހަކު އެރަށުން ޕޮޒިޓިވްވެފައެވެ. އެ ކޭސްއާ ގުޅިގެން ނައިފަރު ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.