މިއަހަރުގެ ތެރޭގައި އައްޑޫސިޓީގައި ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ފަށަން ހަމަޖެހިފައި ނުވާ ކަމަށާއި އެ ސިޓީއަށް އޮތް މަޝްރޫއު ފެށޭނީ އަންނަ އަހަރު ކުރީކޮޅު ކަމަށް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ، މިނިސްޓަރުންނާ ސުވާލު ކުރުމުގެ ވަގުތުގައި، ހިތަދޫ މެދު ދާއިރގެ މެންބަރު އަހުމަދު ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު އަހުމަދު ރަޝީދު މިނިސްޓަރާ ސުވާލު ކުރެއްވީ، މިދިޔަ އަހަރާއި މިއަހަރުގެ ބަޖެޓުގައި އައްޑޫ ސިޓީ ހިތަދޫގެ ކުރުވަލުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށާއި، ބޭރުމަތީގެ ގޮނޑުދޮށް ހިމާޔަތްކުރަން އޮތް އިރު މިއަހަރު އެ ދެ ޕްރޮޖެކްޓް ކުރިއަށްދާނެތޯ، އާއި މާލޭ އޭރިޔާ ފިޔަވައި ރާއްޖޭގެ އެންމެ މީހުން ގިނަ ސިޓީއަކީ އައްޑޫ ސިޓީގެ ހިތަދޫ ކަމަށްވާއިރު ފްލެޓް ކަހަލަ، ހިތަދޫގެ ބޯހިޔާވަހިކަމަށް މިއަހަރު އެއްވެސް މަޝްރޫއެއް ހިންގަން ހަމަޖެހިފައިވޭތޯ އޮޅުން ފިލުވުމަށެވެ.
މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު ގިރާ ސަރަހައްދުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.
ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް މިއަހަރުގެ ތެރޭގަައި އައްޑޫގައި ނުފެށުނު ނަމަވެސް އަންނަ އަހަރު އައްޑޫއަށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަންނަ އަހަރު ހިންގަން ހަމަޖެހިފައިވާ މަޝްރޫއަކީ، ޕީއެސްއައިޕީގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށާއި، އޭގެ ތެރެއިން "އަޅުގަނޑު މި ދަނީ ރަށްރަށަށް ބޭނުންވާ މިންވަރުތައް ކަނޑައަޅަމުން، އަންނަ އަހަރު ފެށޭތަނުން އަޅުގަނޑުމެން އެ މަސައްކަތް ކުރިއަށް ފަށާނަން،" ކަމަށް އަސްލަމް ވިދާޅުވިއެވެ.
މުޙައްމަދު އަސްލަމް
މުޙައްމަދު އަސްލަމް
މުޙައްމަދު އަސްލަމް