ކޮލަމް

ކޯލިޝަނުން ނޫން ގޮތަކަށް ވެރިކަމަށް އައިސް ވެރިކަން ކުރެވޭން ޖެހެއެވެ.

ސިނާން އަލީ

ކޯލިޝަނަކާ ނުލައި ވެރިކަމަކަށް ނާދެވޭނޭ، ދެން ހަދާނީ ކިހިނެއްހޭ، ވެރިޔަކާ ނުލައި ގައުމު ހިންގާނީހޭ، މީ ވެސް ބަޔަކު ކޮށްފާނެ ސުވާލު ތަކެކެވެ. އަޅުގަނޑުގެ ސުވާލަކީ ގާނޫނީ ބުރަދަނެއް ނެތް ކޯލިޝަން ތަކެއް ހަދައިގެން ރާއްޖޭގައި މިހާތަނަށް މި ކުރި ވެރިކަންތަކުން ރައްޔިތުންނަށް ވީ ފައިދާއަކީ ކޮބައިތޯ އެވެ! ގައުމީ ނިސްބަތުގައި ރައްޔިތުންނަށް ލިބުނު ހަމަޖެހުމަކީ ކޮބައިހެއްޔެވެ؟

ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެންނަން ރައީސް މުހައްމަދު ނަޝީދު ހެއްދެވި ކޯލިޝަން ރޫޅެން ނެގީ އެންމެ ތިން މަސް ދުވަހެވެ. ފަހަރަކު ވަޒީރެއް ފަހަރަކު ވަޒީރެއް އިސްތިއުފާދެއްވަމުން ގޮސް ވެރިކަން ނިމިގެން ދިޔައީ މުޅި ކެބިނެޓުވެސް އިސްތިއުފާ ދެއްވައިގެންނެވެ.

ދިރާސާ ތަކުން ތުހުމަތު އެޅޭ ގޮތުގައި ރައީސް ނަޝީދުގެ ވެރިކަމަށް ލޮޅުން އަރައި އެތެރެއިން ރެނދުލައި ރޫޅެން ފެށުމުގެ އެންމެ ބޮޑު އަސްލަކީ ކޯލިޝަން އެވެ. ކޯލިޝަން ތެރޭގައި އުފެދުނު ކޯޅުމެވެ. މަގާމުތަކާއި މުއައްސަސާތައް ކޯލިޝަންގެ ވެރީންގެ މެދުގައި ބަހައިލުމުގައި ދިމާވި ހައިޖާނުގަނޑެވެ. އެއަށްފަހު ސަރުކާރުގައި "ރައީސުން" ގިނަ ވުމެވެ. އެހެންކަމުން ވެރިކަމުގެ ބޮޑުބައެއް ދިޔައީ ކޯލިޝަން ކޯޅުމުގަ އެވެ. ރައްޔިތުންނާ ގާތުން ރައްޔިތުންނާ މެދު ވިސްނާނެ ވަގުތު ވީ ކުޑަ އެވެ.

ދައުރު މެދުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު ވަހީދަށް ވެސް ޖެހިވަޑައިގެންނެވީ އެކަހަލަ ހާލެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި ގޮތް ކިޔާން ތިބި މީހުން ވަކި މަދެއް ނުވި އެވެ. މިނިސްޓްރީ ތަކާއި މުއައްސަސާތައް ޖެހުނީ ކޯލިޝަން ޕާޓްނަރުންނަށް ބަހާންށެވެ. ރައީސް ކަމުގައި އެމަނިކުފާނަށް އޮތީ ކޭކުފޮތީގެ އަރިމަތީން ކުޑަ އެތިކޮޅެކެވެ. ބައެއް މިނިސްޓްރީ ތަކާއި މުއައްސަސާތަކުން ފެންނަމުން ދިޔައީ އެހެން ބައެއްގެ ނުފޫޒެވެ. އެހެން ބައެއްގެ ބާރުވެރިކަމަށް މަގު ކޮށައިދެމުން ދިޔަ މަންޒަރެވެ. ރައްޔިތުންނާ ގާތުން ރައްޔިތުންނާ މެދު ސީދާ ވިސްނައި ރައީސް ބޭނުންފުޅުވާ ގޮތަށް ގައުމު ހިންގާނެ ފުރުސަތެއް ލިބިވަޑައިގެންނެވި ތަނެއް ނުފެނުނެވެ.

ރައީސް ޔާމީން ވެސް ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަނެއްގެ ތެރެއިންނެވެ. އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ކުރީކޮޅުގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި މަންޒަރެއްވެސް ފެނުނެވެ. އެއީ ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތު ތަކުގައި، އެމަނިކުފާނާ ހަމަ އެއް ފެންވަރެއްގައި، އެއް ސައިޒެއްގައި އެއް ވައްތަރެއްގެ ދެ މޭޒުކޮޅު ބަހައްޓާފައި ހުންނަ ތަނެވެ. އެއީ ރައީސް ޔާމީނަށް އެއް މޭޒުކޮޅު ރައީސް މައުމޫނަށް އެއް މޭޒުކޮޅެވެ.

ބުނެވޭ ގޮތުގައި ރައީސް ޔާމީނާއި ރައީސް މައުމޫނާ ދެމެދު ޖެހުނު އެންމެ ބޮޑު މައްސަލައަކީ ވެސް ރައީސް މައުމޫނު ބޭނުންފުޅުވާ ގޮތަށް ސަރުކާރުގެ ކަންކަން ނުހިންގުމުގެ މައްސަލަ އެވެ. ވަރަށް ގިނަ ކަންކަމަށް ރައީސް މައުމޫނު ގޮތް ކިޔުއްވާ ކަމަށް އޭރުގެ ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ވިދާޅުވެ އެވެ. އެންމެފަހުން ރައީސް މައުމޫނު ޔާމީނަށް ދެއްވި ތާއީދު ވެސް އަނބުރައި ގެންދެވީ އެވެ.

ރައީސް ޔާމީން ގެ ވެރިކަން ނިމުނު އިރު ކޯލިޝަންގައި ދެމިއޮތީ އެމްޑީއޭ އެކަންޏެވެ. އެހެން ހުރިހައި ޕާޓީތައް މާ ކުރީން ހަށި ފޮޅާލައިފައި ނުކުމެއްޖެ އެވެ. ކޯލިޝަން ޕާޓްނަރުން އެކުގައި ތިބި އިރުވެސް ރައީސް ޔާމީން ކަންކަން ކުރެއްވީ އެބޭފުޅުންގެ މާބޮޑު މަޝްވަރާއެއް ނެތި އަމިއްލަފުޅަށް ފެނިވަޑައިގަންނަވާ ގޮތަކަށެވެ.

މިހާރު ވެރިކަން މިކުރަނީ 13 ވަރަކަށް އަހަރު ތެރޭ އައި ހަތަރު ވަނަ ކޯލިޝަން ސަރުކާރުންނެވެ. މައްސަލަ އޮތީ ހަމަ އޮތްތަނުގަ އެވެ. މި ސަރުކާރަށް އަހަރެއްވެސް ނުވަނީސް ހަގީގަތުގައި، ކޯލިޝަން ރޫޅިއްޖެ އެވެ. ނަމެއްގައި ތިއްބެއް ކަމަކު، އެމްޑީޕީގެ ރައީސް، މުއްމަދު ނަޝީދު ގެ ބަހުގެ ހޫނު ހަމަލާތަކާ އެކު ކޯލިޝަންގެ ދެވަނައަށް އެންމެ ބޮޑު ޕާޓްނަރު، ޖުމުހޫރީ ޕާޓީ ކޯލިޝަނުން ރޫހާނީ ގޮތުން ވަކިވިތާ ކިތަންމެ ދުވަހެކެވެ. ކުރީން އޮތް ގާތް ގުޅުމެއް މިހާރަކު ނެތެވެ. މަޝްވަރާއެއް ނެތެވެ. ވެރިކަން ދެބައިވީ އިރު، ޖުމުހޫރީ ޕާޓީގެ އެއް ވަޒީރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ވޯޓު ނަގައި މަގާމުން ވަކިކޮށްފި އެވެ. އިންޓަނެޓު އަގު ހެޔޮ ނުވުމަކީ މައިގަނޑު މައްސަލަ ކަމަށް ބުނެއެވެ. އެކަމަކު ވަޒީރު ވަކިކުރި ފަހުންވެސް ނެޓުގެ އަގަށް ބަދަލެއް ނާދެ އެވެ. ހަގީގީ މައްސަލައަކީ އެހެން ކަމެއްކަން މިކަމުން ސާފު ވެއެވެ. ޖުމުހޫރީ ޕާޓީގެ ސްލޮޓުގައި ހުންނެވި ޓޫރިޒަމް މިނިސްޓަރަކު ވަކި ކުރެއްވި އިރު އެ ޕާޓީގެ ސްލޮޓުގައި ހުންނެވި ހެލްތު މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހުން ނަގަން އުޅުމުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެމްއާރްއެމްގެ ސްލޮޓުގައި ހައުސިން މިނިސްޓަރުކަމުގައި ހުންނެވި ވަޒީރުވެސް ވަނީ އިސްތިއުފާދެއްވައިފަ އެވެ. އަދާލަތުގެ ސްލޮޓުގައި ޖެންޑާ މިނިސްޓަރުކަމުގައި ހުންނެވި ބޭފުޅަކުވެސް ވަނީ އިތުބާރު ނެތް ކަމަށް މަޖިލީހުން ވޯޓު ނަގާ ހިސާބަށް ކަންކަން ދިއުމުން އިސްތިއުފާ ދެއްވައިފަ އެވެ.

މި ވެރިކަމުގެ ކުރީކޮޅުގައި ފެށި ކޯލިޝަން ލީޑަރުންގެ ބައްދަލުވުން ނުބޭއްވޭތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ރައީސް ސޯލިހު ވިދާޅުވަނީ ލީޑަރުން ބިޒީކަމުން އެކަން ނުވަނީ ކަމަށާއި ކަންކަން ނިންމަވާ އިރު މަޝްވަރާ ހޯއްދަވާ ކަމަށެވެ. އެހެން ނަމަވެސް ހަގީގަތަކީ ލީޑަރުންގެ މެދުގައި ނުތަވަސްކަން ބޮޑުވެގެން ގޮސް އެ ބައްދަލުވުން ނުބޭއްވެނީ އެވެ. ކޯލިޝަން ލީޑަރުންގެ މެދުގައި ހޫނުކަން ހުރި މިންވަރަށް ބަލާއިރު، ރައީސް ސޯލިހަށް މި ވަގުތަށް އެންމެ ރަނގަޅު ގޮތަކީވެސް ވަކި ވަކީން ލީޑަރުންނާ މަޝްވަރާކުރެއްވުން ކަމަށް ވެދާނެ އެވެ. އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީގެ ލީޑަރާއި މަޖިލިސް މެންބަރުން ކޯލިޝަންގެ ވަކިވަކި ޕާޓްނަރުން ވަކިކުރާން ގޮވައިލައްވާތާ ކިތަންމެ ދުވަހެކެވެ. ކޯލިޝަނެއް ނެތޭ ވިދާޅުވާ ބޭފުޅުންވެސް އޭގެ ތެރޭގައި މަދެއް ނޫނެވެ.

ކޮންމެއަކަސް، ފެންނަ މަންޒަރަށް ބަލާއިރު، ރައީސް ސޯލިހަށް ވެސް ކޯލިޝަނާ އެކު ކުރިޔަށް ވަޑައިގަތުން ފަސޭހަފުޅެއް ނޫނެވެ. އެހެނެއްކަމަކު، އެމަނިކުފާނަށް އޮޕްޝަނެއް ނެތެވެ. ޕާޓީގެ އެތެރެއިން ވެސް އެމަނިކުފާނާ ދެކޮޅަށް ކުރާ ހަނގުރާމަ ކުޑަ ނޫން ކަމަށް ސިޔާސީ ދިރާސާވެރީން ބުނެ އެވެ. އެހެންކަމުން ފެންނަމުން މިދަނީ ވެރިކަމަށް ވަޑައިގެންނެވި އިރު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ކޯލިޝަން ދެމެހެއްޓެވޭތޯ ވެވަޑައިގަންނަވާން ޖެހިވަޑައިގެންނެވި ކޮންމެ ގުރުބާނީއެއްވެސް ވެވަޑައިގަންނަވާ ތަނެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ ފަސޭހަ ކަންކަމަކަށް ނުވާނެ ކަން ކަށަވަރެވެ.

ހިދުމަތްތައް ދޭން ފަސޭހަ ނޫން ނިޒާމަކަށް ވެރިކަންތައް އުފައްދައިގެން ގައުމު ހިންގުމަކީ ރައްޔިތުންނަށް ހައްގު މިންވަރެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅެއްގެ މައްޗަށް ނުފޫޒު ފޯރުވައި، އަމިއްލަ ޕާޓީ ޕްރޮމޯޓުކޮށް، އަމިއްލަ ލީޑަރުގެ މަސްލަހަތު ކުރިޔަށް ނެރޭ މިނިސްޓަރުން ލައިގެން ވެރިކަމެއް ނުހިންގޭނެ އެވެ. ކޯލިޝަންގެ ހަދައިގެން ވެރިކަމުގެ ތެރެޔަށް ވަދެ، ތިމާމެންގެ ޕާޓީ ވެރިކަމަށް އަންނާން ބޭނުންވާ ކަންކަމަށް މަގުކޮށައި ސަރުކާރު ފެއިލި ވާނެ ކަންކަން ކޮށް، ސަރުކާރު އިތުރު ދައުރަކަށް ހޮވިދާނެ ފަދަ ކާމިޔާބު މަޝްރޫއުތަކަށް ހުރަސް އަޅާން ތިބޭ މީހުން ލައިގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނޯންނާނެ އެވެ. މިހައިތަނަށް މި އައި ކޯލިޝަން ހަތަރު ސަރުކާރުގެ ތެރެއިން ވެސް ކަންކަން ފެންނަނީ މިކަހަލަ ގޮތަކަށެވެ. ކޯލިޝަނުގެ ތެރޭގައި ތިބެގެން އަމިއްލަ ލީޑަރު، އަމިއްލަ ޕާޓީ ވެރިކަމަށް "ދޮން" ކުރާން މަސައްކަތް ކުރާ މީހުން މަދެއް ނޫނެވެ.

މިހުރިހައި ކަމަކުން ސާފުކޮށް އެނގޭ ކަމަކީ، ވެރިކަން ބޭނުންވާ އެތައް ބަޔަކު އެކުވެގެން އުފައްދާ ކޯލިޝަން ވެރިކަމަކީ ރާއްޖެ ފަދަ ގައުމެއްގައި ހިންގާން ރަނގަޅު ނިޒާމެއް ނޫން ކަމެވެ. އެނޫން ގޮތަކަށް ވެެރިކަމަށް ނާދެވޭ ނަމަ، އެކަމަށް ފުރިހަމަ ހައްލެއް ހޯދާން ޖެހެ އެވެ. އޮންނާންވީ ސާފު ސީދާ ވެރިކަމެކެވެ. އެތައް ރައީސުން އެއް ވެރިކަމެއްގެ ތެރޭގައި ތިބޭ ނިޒާމެއް ނޫނެވެ. ކޯލިޝަނުން ނޫން ގޮތަކަށް ވެރިކަމަށް އައިސް، ކޯލިޝަނުން ނޫން ގޮތަކަށް ވެރިކަން ކުރެވޭން ޖެހެ އެވެ.