ރ. އުނގޫފާރުގައި މިހާރު އުފެދިފައިވާ ކޮވިޑް ކްލަސްޓާއާ ގުޅުންހުރި މީހަކު އެ އަތޮޅު މަޑުއްވަރީން ޕޮޒިޓިވްވުމާ ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މަޑުއްވަރީ ހެލްތު ސެންޓަރުގެ ސީނީއާ އެޑްމިނިސްޓްރޭޓަރު އޮފް ހެލްތު ސާވިސް އަހުމަދު ލަތީފް މިރޭ "ވަން" އަށް ވިދާޅުވީ އެރަށުން މިއަދު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެމީހާއަކީ މި މަހުގެ ދެވަނަ ދުވަހު އުނގޫފާރަށް ދަތުރުކޮށްފައިވާ ފަރާތެއް ކަަމަށެވެ.

އެ ކޭސްއާ ގުޅިގެން އެރަށް މިހާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ކުރެވެމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކަރަންޓީނުގައި ނެތް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އުނގޫފާރު މޮނިޓަރިންއަށް ލާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އަދި މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އުނގޫފާރަށް ދަތުރުކުރި އެކި ރަށްރަށުގެ މީހުން ކަރަންޓީނުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގައިފައެވެ.

އުނގޫފާރުގެ ކްލާސްޓާއާ ގުޅިގެން ކ. ދިއްފުއްޓާއި ޅ. ނައިފަރު ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އެ ދެ ރަށްވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދުއެވެ.