ރ. އުނގޫފާރަށް ދިޔަ މީހަކު ޕޮޒިޓިވް ވެ، ޅ. ނައިފަރު ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ކަރަންޓީނުގައި ނެތް މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން އުނގޫފާރު މޮނިޓަރިން އަށް ލާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އަދި މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އުނގޫފާރަށް ދަތުރުކުރި އެކި ރަށްރަށުގެ މީހުން ކަރަންޓީނު ވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގާފަ އެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން ބުނީ، މިމަހުގެ ދެވަނަ ދުވަހުގެ ފަހުން ނައިފަރުން އުނގޫފާރަށް ދަތުރުކޮށްފައިވާ ކަމަށް ހޮސްޕިޓަލަށް ރިޕޯޓުކޮށްފައިވާ ފަރާތްތަކުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން އެއް ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ޕޮޒިޓިވް ވެފައިވަނީ ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފެކެވެ. އެކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ހޮސްޕިޓަލު ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

އުނގޫފާރަށް ދަތުރުކުރި ނައިފަރު ބަޔަކު ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު ދިއްފުށިން މިމަހުގެ ދެވަނަ ދުވަހު އުނގޫފާރަށް ދަތުރުކުރި ދެ މީހަކު ވެސް ޕޮޒިޓިވްވެ، އެރަށް ވެސް މިއަދު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.