ހދ. ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ކުއްޖަކު މިއަދު މަރުވެއްޖެ އެވެ.

ކުޅުދުއްފުށި ކައުންސިލުގެ ރައީސް އަބްދުލްލަތީފު ހަސަން ވަނީ އެކަން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވީ، މީގެ ދެ ހަފުތާ ކުރިން ހިނގި އެ އެކްސިޑެންޓުގައި އަނިޔާ ލިބިގެން އެ ސިޓީ ހޮސްޕިޓަލުން ފަރުވާ ދެމުން ދަނިކޮށް މަރުވީ 17 އަހަރުގެ ކުއްޖެއް ކަމަށެވެ.

ނަމަވެސް އޭނައަށް ލިބުނު އަނިޔާގެ ތަފުސީލެއް ނޭނގޭ ކަމަށް ވިދާޅުވި އެވެ.

ފުލުހުން ބުނީ، މިއަދު މަރުވީ މިމަހުގެ 12 ވަނަ ދުވަހު ހެނދުނު 9:50 އެހާކަންހާއިރު ކުޅުދުއްފުށި ނިކަގަސްމަގާއި އަމީނީމަގު ގުޅުނު ހަތަރު އަނގޮޅީގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ކުއްޖާ ކަމަށެވެ. އަދި އެކުއްޖާއަކީ އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން ކުއްޖާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން ކުއްޖާއަށް ވެސް އަނިޔާވެ، ސައިކަލަށާއި ޕިކަޕަށް ގެއްލުން ވެފައިވާ ކަމަށެވެ. އަދި އެކްސިޑެންޓުގައި ހިމެނޭ ޕިކަޕު ދުއްވާފައިވަނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ މީހެއް ކަމަށް ވެސް ބުންޏެވެ.