ދިވެހިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ ތައިލެންޑުގެ ވެރިރަށް ބެންކޮކަށް މި އަހަރުގެ ޑިސެމްބަރު ސްކޫލު ބަންދާ ދިމާކޮށް ހާއްސަ ދަތުރުތަކެއް ކުރުމަށް މޯލްޑިވިއަން އިން ނިންމައިފި އެވެ.

މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުން މިއަދު ބުނި ގޮތުގައި ކުރިއަށް އޮތް މިޑްޓާމް ޗުއްޓީއާ ދިމާކޮށް، ކުރާ ހާއްސަ ދަތުރުތައް ބާއްވާނީ އަންނަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހާ ހަމައަށް ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހު އެވެ.

އެ ކުންފުނިން ފާހަގަކުރި ގޮތުގައި މި ދަތުރުތައް އަމާޒުކޮށްފައިވަނީ ސްކޫލު ބަންދު ދުވަސްވަރު ދިވެހިން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ލުއިފަސޭހަކޮށްދިނުމަށެވެ.

މި ހާއްސަ ދަތުރުތަކުގައި ބެގޭޖުގެ ގޮތުގައި ކޮންމެ ފަސިންޖަރަކަށް 30 ކިލޯގެ އެލަވަންސެއް ލިބޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ. އަދި މި ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު ފެށެނީ 530 ޑޮލަރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްކޫލު ބަންދު ދުވަސްވަރަކީ ދިވެހިންގެ މެދުގައި ބެންކޮކަށް ކުރާ ދަތުރުތަކުގެ ޑިމާންޑު ވަރަށް ބޮޑަށް މަތިވާ ދުވަސްވަރަކަށް ވާތީ، މޯލްޑިވިއަނުން މީގެ ކުރިންވެސް މިފަދަ މޫސުންތަކުގައި ހާއްސަ ފްލައިޓުތައް ބާއްވާފައިވެ އެވެ.