އެމްއެމްއޭ ފިންލިޓް ފެސްޓް 2026 ގެ މަޒުމޫނު ލިޔުމުގެ މުބާރާތަށް މަޒުމޫނު ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފިއެވެ.
އެމްއެމްއޭއިން މިއަދު ބުނި ގޮތުގައި، މިއީ މާލީ ގޮތުން ހޭލުންތެރި މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާނަވީ އަދި މަތީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ގްރޭޑް 8 އިން 10 ގެ ދަރިވަރުންނަށް ހާއްސަ ކެޓަގަރީއަކާއި، ގްރޭޑް 11 އިން 12 ގެ ދަރިވަރުންގެ ކެޓަގަރީއެވެ.
މި މުބާރާތަށް ހުށަހަޅަން ޖެހެނީ އިނގިރޭސި ބަހުން ލިޔެފައިވާ މަޒުމޫނެވެ. މަޒުމޫނު ލިޔުމަށް ފަސް ތީމެއް ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި މާލީ ހޭލުންތެރިކަމާއި ފައިސާ ގެންގުޅުމުގައި ޒިންމާދާރުވުމާއި، މާލީ ބައިވެރިވުން އިތުރުވުމާ ގުޅިގެން ލިބޭ ތަނަވަސްކަމާއި، ޒުވާނުންނާއި މާލީ ކުރިމަގު ހިމެނެއެވެ. މީގެ އިތުރުން، ޓެކްނޮލޮޖީއާއި މާލީ ދާއިރާގެ ޑިޖިޓަލް މުސްތަގްބަލް އަދި އިންސާނިއްޔަތާއި މުޖުތަމައުގެ ލާބަޔާއި މަންފާއަށް އިސްކަންދޭ މާލީ ނިޒާމުގެ މައްޗަށް ވެސް މަޒުމޫނު ލިޔެވޭނެއެވެ. ކޮންމެ ދަރިވަރަކަށް ވެސް ހުށަހެޅޭނީ 700 ބަހާއި 1200 ބަހާ ދެމެދުގެ ދިގުމިނުގެ އެއް މަޒުމޫނެވެ.
މުބާރާތުން އެއްވަނައަށް ހޮވޭ ދަރިވަރަކަށް 3،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނައަށް 2،000 ރުފިޔާ ލިބޭއިރު، ތިންވަނައަށް ހޮވޭ ފަރާތަކަށް 1،000 ރުފިޔާ ލިބޭނެއެވެ. މަޒުމޫނު ހުށަހަޅަން ޖެހޭ އެންމެ ފަހު ވަގުތަކީ އަންނަ މަހުގެ އެއްވަނަ ދުވަހުގެރޭ 11:59 އެވެ. އެމްއެމްއޭއިން ބުނި ގޮތުގައި، މަޒުމޫނުތައް ހުށަހަޅަން ޖެހޭނީ [email protected] އަށް އީމެއިލް ކޮށްގެންނެވެ.
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
ކޮމެންޓް