ޓީޗަރުންގެ މަސައްކަތްތަކަކީ ވަރަށް މާތް އަދި މަތިވެރި މަސައްކަތެއް ކަމުގައި ބަލައިގަނެ، އެ މީހުންނަށް ހައްގު ޝަރަފު ދިނުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބެލެނިވެރިންގެ ކިބައިން މިއަދު އެދިވަޑައިގެންފި އެވެ.

ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރަމުން އަންނަ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން މިނިސްޓަރު ދެއްވި ހިތާބުގައި، ކޮންމެ މީހެއްގެ އަޒުމަކަށްވެސް ވާންވާނީ ޓީޗަރުކަމުގެ ފަންނު ހިމާޔަތްކުރުމާއި އެ ފަންނުގެ ގަދަރު ހިފެހެއްޓުން ކަމަށް ވިދާޅުވި އެވެ. އަދި ޓީޗަރުންނާ އެކު ސާބިތުވެ ތިބެ ސްކޫލުތަކުގައި ދޭ ތައުލީމާއި ތަރުބިއްޔަތު އިތުރަށް ހަރުދަނާ ކުރުމުގެ އަޒުމު އައުކުރަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އިލްމީ، ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ޓީޗަރުން އަދާކުރާ މަތިވެރި ގުރުބާނީގެ އަގުވަޒަން ކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން، ޒަމާނީ އަދި ފަންނީ ތަމްރީނުތައް ފޯރުކޮށްދީ، ޓީޗަރުންނާއި ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ސްކޫލުތަކުގެ މާހައުލަކީ ރައްކާތެރި އުފާވެރި މާހައުލަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ދަރިވަރުންގެ ދެވަނަ ބެލެނިވެރިންގެ ދައުރު އަދާކުރާ މުދައްރިސުންނަކީ އިއްޒަތާ އެކު ގައުމީ ބޮޑު ވާޖިބެއް އަދާކުރާ ބައެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މުދައްރިސުންނަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ހިތުގެ އެތައް ޝަރަފެއް ލިބިގެންވާ ބަޔަކަށް ހެދުމަށާއި އެ ފަންނަށް ދޭންޖެހޭ ހައްގު މިންވަރު ދިނުމަށް މިހާރަށް ވުރެ ބޮޑު އެއްބާރުލުމެއް ދިނުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.

"މުދައްރިސުންނަކީ ގަދަރާއި އިއްޒަތާއެކު ގައުމީ ވަރަށް ބޮޑު ވާޖިބެއް އަދާކުރާ ބައެއް. ދަރިވަރުންގެ ދެވަނަ ބެލެނިވެރިންގެ ދައުރު އަދާކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުލާ ފަރާތަކީ މުދައްރިސުން. އެހެންކަމުން އަޅުގަނޑު އެދެނީ މުދައްރިސުންނަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ހިތުގެ އެތައް ޝަރަފެއް ދެވިފައިވާ ބަޔަކަށް ހެދުމަށް." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދަރިވަރުންގެ އުނގެނުމުގެ ހައްގު ހިމާޔަތްކުރުމުގައި އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ބަޔަކީ ޓީޗަރުން ކަމަށް ވާއިރު، އެއީ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލިއްޔަތާއި ހުނަރާއި މަސައްކަތުގެ އަހުލާގު ލިބިފައިވާ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން އުނގެނުމަށް ލޯބިޖައްސައި، ދިރިއުޅުމަށް ތައްޔާރުވެފައިވާ ޒިންމާދާރު ބަޔަކަށް ކުދިން ހެދުމަކީ ކޮންމެ ޓީޗަރެއްގެވެސް އަޒުމަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ/