ޚަބަރު

ކުޑަހުވަދޫ ކްލަސްޓާއާ ގުޅިގެން ދ. މީދޫން މީހަކު ޕޮޒިޓިވްވެއްޖެ

ދ. ކުޑަހުވަދޫ ކްލަސްޓާއާ ގުޅިގެން ދ. މީދޫން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

މީދޫން މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން މިއަދު އެ ރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓޯލް ޕްރިޕެއާޑްނަސްގެ ފަރާތުން އަބްދުﷲ މައުރޫފް ވިދާޅުވީ އެ ކޭސްއާ ގުޅިގެން އެ ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެގޮތުން މިހާތަނަށް ކޮންޓެކްޓުންގެ ގޮތުގައި 60 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ކުޑަހުވަދޫ މޮނީޓަރިންއަށް ގެނެވުނު ހިސާބުން އެކިއެކި ރަށްތަކުން ކުޑަހުވަދުއަށް ދަތުރުކޮށްފައިވާ ފަރާތްތައް ހޯދުމަށްޓަކައި އެޗްޕީއޭ އިން ވާނީ ހާއްސަ އިއުލާނެއް ކުރެވިފައި. އެގޮތުން އެ އިއުލާނާ ގުޅިގެން އެކިއެކި ރަށްތަކުން އަޅުގަނޑުމެންނަށް ލިބުނު ރިޕޯޓުތަކުން ބެލިއިރުގައި އަޅުގަނޑުމެންނަށް މިއަދު ފާހަގަވެގެން މިދިޔައީ ކުޑަހުވަދުއަށް ދަތުރުކުރި ދ. މީދޫގެ ފަރާތެއް ޕޮޒިޓިވްވިކަން،" އޭނާ ވިދާޅުވިއެވެ.

ކުޑަހުވަދޫން ބަޔަކު ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ ބުދަ ދުވަހުއެވެ. އެ ރަށުގެ ދ. އެއާޕޯޓުގައި މަސައްކަތްކުރާ ހަ މުވައްޒަފަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ދުވަހު އެ ރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. މިހާތަނަށް އެ ރަށުން ޖުމުލަ 22 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.