ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން މެދުކަނޑާލުމަށް ފަހު، ވެކްސިން ދިނުން މާދަމާ އަލުން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން މެދުކަނޑާލާފައި ވަނީ، މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ.
އެޗްޕީއޭ އިން ބުނީ މާދަމާ މާލެ ސަރަހައްދުގައި ހުރިހާ ކެޓަގަރީގެ މީހުންނަށް ވެކްސިން ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ދިނުމަށް ނިންމާފައިވަނީ މި ފަހުން ހުއްދަ ދިން ޗައިނާގެ ވެކްސިން، ސިނޯފާމް ކަމަށްވެސް ބުންޏެވެ.
އެޗްޕީއޭ އިން ވަނީ މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިނުވާ 18 އަހަރުން މަތީގެ ހުރިހާ ފަރާތްތައް ވެކްސިން ޖަހަން ދިއުމަށް އެދިފައެވެ.
މާދަމާ މާލެ ސަރަހައްދުން ވެކްސިން ދޭނީ އިސްލާމީ މަރުކަޒާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ސޯޝަލް ސެންޓަރާއި ހުޅުމާލޭ ވެކްސިން ސެންޓަރާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒުންނެވެ. މި ތަންތަނުން ވެކްސިން ދޭނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.
މީގެ ކުރިން ރާއްޖޭގައި ދެމުން އައީ އޮކްސްފޯޑް-އެސްޓްރާޒެނެކާ "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 200،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފަ އެވެ.
ހެޔޮއެދޭ ފަރާތަކުން ރާއްޖެއަށް ހަދިޔާކުރި 10،000 ޑޯޒްގެ ސިނޯފާމް ވެކްސިން ވަނީ ގެނެސްފަ އެވެ. އަދި ޗައިނާ އިން ވެސް ރާއްޖެއަށް 200،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފަ އެވެ. ނަމަވެސް އެ ވެކްސިން ގެނެސްފައިވާކަމެއް އަދި ސާފެއް ނޫނެވެ.
ރާއްޖޭގައި މިހާތަނަށް 218،645 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު