އިދިކޮޅު ޕީޕީއެމް/ ޕީއެންސީ އިން އިންތިޒާމު ކޮށްގެން މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުންނަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން ޖޫރިމަނާ ކުރުމަށްފަހު ދޫކޮށްލައިފި އެވެ.
ރާއްޖެ އަޅުވެތިކުރުމާ ދެކޮޅަށް ކަމަށް ބުނެ އިދިކޮޅުން މާލޭގައި މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން 25 މީހަކު ހައްޔަރު ކުރި އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލު ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް މި މީހުންގެ ތެރެއިން ފުލުހުންނަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ފިޔަވައި އެހެން އެންމެން ޖޫރިމަނާ ކުރުމަށްފަހު ހުކުރު ދުވަހުގެ ރޭ ވަނީ ދޫކޮށްލައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މުޒާހަރާގެ ތެރެއިން ފުލުހުންނަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން މުއްދަތު ޖަހަން ކޯޓަށް ނުގެންގޮސް، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް މުޒާހަރާ ކުރުމުން ޖޫރިމަނާ ކުރުމަށްފަހު އިއްޔެ ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުންނަށް ހަމަލާދިން މައްސަލަ ތަހުގީގު ކުރަމުންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
އިދިކޮޅުން އަންނަނީ ކޮންމެ ހުކުރު ދުވަހަކު ވެސް މާލޭގައި މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ފެށުމަށް ހަމަޖެހިފައިވާ ވަގުތުގެ ކުރިން ޕީޕީއެމް އޮފީސް ކުރިމައްޗާއި މުޒާހަރާގެ ބައިވެރިން އެއްވާ ތަންތަނުގައި ފުލުހުން ފޯރި ވެސް މަރަ އެވެ. ނަމަވެސް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި މުޒާހަރާގެ ބައިވެރިން މާލޭގެ މަގުތަކަށް ނުކުމެ އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރު ވެ، އެއްވުންތަކާއި ހަފުލާތަކާއި ޖަލްސާތައް ބޭއްވުމާއި ފަސް މީހުންނަށް ވުރެ ގިނައިން އެއްވުން ވަނީ މަނާކޮށްފަ އެވެ. އަދި އެކަންކަމާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެއާއެކު އިދިކޮޅުގެ މުޒާހަރާތަކުން މީހުން ހައްޔަރު ކުރިނަމަވެސް ޖޫރިމަނާ ކުރުމަށް ފަހު ދޫކޮށްލަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު