ޚަބަރު

ރޭ މަރުވި މީހާއަކީ ކޮވިޑު މަރެއް ކަމަށް ނިންމައިފި، ރާއްޖޭގައި ކޮވިޑް މަރުގެ ޖުމުލަ އަދަދު 66 އަށް

މަރުވެގެން ރޭ އައިޖީއެމްއެޗަށް ގެންދިޔަ މީހާގެ މަރަކީ ކޮވިޑު މަރެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ރޭ މަރުވެގެން އައިޖީއެމްއެޗަށް ގެންދިޔައީ 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ނަމަވެސް އެއީ ކޮވިޑު މަރެއް ކަމެއް އެޗްޕީއޭ އަކުން އެއިރަކު އަދި ނުނިންމަ އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ، ހަބަރު ހުސްވެގެން އައިޖީއެމްއެޗުގެ އީއާރަށް ރޭ 8:25 ގައި ގެންދިޔަ މީހަކު އޭގެ 20 މިނެޓު ފަހުން މަރުވެފައިވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެއީ ކޮވިޑު މަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ.

މިއަދުގެ މަރާއެކު މިހާތަނަށް މި ބަލީގައި ރާއްޖޭގައި މަރުވެފަައިވަނީ 59 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.

ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.