ޚަބަރު

މަރުވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މަރުވެގެން އައިޖީއެމްއެޗަށް ގެންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާގެ ޖަނާޒާގެ ކަންކަން، ކޮވިޑުގައި މަރުވާ މީހުން ވަޅުލާ ހުޅުމާލެ ސަހަރާގައި އަންނަނީ ހަމަޖައްސަމުންނެވެ.

ނަމަވެސް އޭނާ މަރުވީ ކިހިނެތް ކަމެއް އަދި ސާފެއް ނުވެ އެވެ. އަދި އެއީ ކޮވިޑު މަރެއް ކަމެއް ވެސް އަދި ނިންމާފައެއް ނުވެ އެވެ. މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ ސުވާލު ކުރުމުން ބުނީ، އެކަން ބަލަމުން އަންނަ ކަމަށެވެ.

ކޮވިޑު ބަލީގައި ރާއްޖޭގައި މިހާތަނަށް މަރުވެފަައިވަނީ 58 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.

ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.