މި މަހުގެ ދެ ވަނަ ދުވަހުގެ ފަހުން ރ. އުނގޫފާރުން ފުރި މީހުން ކަރަންޓީނު ވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

ރޯގާ ޖެހިގެން އުނގޫފާރު ފުލޫ ކުލިނިކަށް ދެއްކި މީހަކު އިއްޔެ ޕޮޒިޓިވް ވުމުން އެރަށް ވަނީ އިއްޔެ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އަދި މިއަދު ވަނީ އެރަށުން އިތުރު ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އެޗްޕީއޭ އިން މިރޭ ބުނީ އުނގޫފާރުން ކޮވިޑު ކޭސްތަކެއް ފެނިފައިވާތީ، މި މަހުގެ ދެ ވަނަ ދުވަހުގެ ފަހުން އެ އެރަށުން އަތޮޅުތެރެއަށް ދަތުރު ކުރި މީހުން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލަށް ނުވަތަ ހެލްތު ސެންޓަރަށް އެންގުން އެދޭ ކަމަށެވެ. އެ މުއްދަތުގައި އުނގޫފާރުން ދަތުރުކޮށް 10 ދުވަސް ހަަމަނުވާ މީހުން، ޓެސްޓު ކުރުމަށްފަހު 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

އޭގެ އިތުރުން މި މަހުގެ ދެ ވަނަ ދުވަހުގެ ފަހުން އުނގޫފާރުން މާލެ އައިސްފައިވާ މީހުން ވެސް މާލެ ހިޔާ ފުލޫ ކުލިނިކާއި ހުޅުމާލޭ ފުލޫ ކުލިނިކު އަދި ވިލިމާލޭ ފުލޫ ކުލިނިކުން ސާމްޕަލް ނެގުމަށާއި 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ.