ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަން އަދި ނުވިސްނާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ފެބްރުއަރީ މަހުން ފެށިގެން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ކޭސްތަކުގެ އަދަދު ދަށަށް ދާ ޓްރެންޑެއް މިހާރު ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން މާޗު މަހުގެ ފުރަތަމަ ހަފުތާ އާއި ދެވަނަ ހަފުތާގައި ކޭސްތައް ދަށަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދީ، އެއްވަރެއްގައި ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ،
"މިވަގުތަށް އަޅުގަނޑުމެން އަޅާފައިވާ ފިޔަވަޅުތައް މިހާރު މިހިރަ ލެވެލްގައި ކުރިއަށް ގެންދަން ޓެކްނިކަލް ޓީމުން ނިންމާފަ މިއޮތީ. ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރާކަށެއް އަޅުގަނޑުމެން ގަސްދެއް ނުކުރަން މިދަނޑިވަޅުގައި. އެކަމަކު މިހާރު އަޅާފައިވާ ފިޔަވަޅުތައް ކުރިއަށް ގެންދަން ނިންމާފައި މިވަނީ،" ޝަހީދު ވިދާޅުވި އެވެ.
ޝަހީދު ވިދާޅުވީ މިހާރު ވެސް ކޭސްތަކުގެ އަދަދުތައް ހުރީ ކަންބޮޑުވާ މިންވަރެއްގައި ކަމަށާއި ހާއްސަކޮށް ރެންޑަމްކޮށް މަގުމަތިން ނަގާ ސާމްޕަލްތަކާއި ރަށްރަށަށްދާއިރު ނަގާ ސާމްޕަލްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ މަތީގައި ކަމަށެވެ. އެހެންކަމުން ކޭސްތަކުގެ އަދަދު ދަށްވާ މިންވަރަކަށް ބެލުމަށްފަހުގައި ނޫނީ އިތުރަށް ލުއި ނުދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު